ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް ދައުލަތުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން މިއަދު ޢިއުލާންކުރަށްވައިފިއެވެ.

ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް ވަނީ މިކަން ޢިއުލާން ކުރަށްވާފައެވެ.

Ad
rt

މިކަން ހާމަކުރަށްވައި ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އިގުތިސާދު ރިފޯމް އެޖެންޑާގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށެވެ.

މި ފިޔަވަޅު ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ރައީސް އަަންގަވާފައިވާއިރު، ރައީސް ވިދާޅުވެފައިވާ ގޮތުގައި ވަކިކުރަން އަންގަވާފައި ވަނީ އޭގެ ހަތް ސްޓޭޓް ވަޒީރުންނާއި 43 ނައިބު ވަޒީރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ނިންމެވުމާއެކު ދައުލަތުގެ ބަޖެޓުން މަހަކު 5.714 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ދައުލަތަށް އާމްދަނީ އިތުރުކުރުމާއި ގުޅޭ ބައެއް ބިލުތަކުގެ މަސައްކަތް އިއްޔެއިން ފެށިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ފަށާފައެވެ.

އޭގެ ތެރޭގައި ޓީޖީއެސްޓީއާއި، ގްރީން ޓެކްސް އަދި އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ ފީ ބޮޑުކުރުން ހިމެނެއެވެ. އެއާޕޯޓުން ފުރާ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން އަތުން ނަގާ ފީ ބޮޑުކުރަން ސަރުކާރުން ނިންމާފައެއް ނުވެއެވެ.