ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަތިހު ބްރެޒިލްއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ލަނޑު ޖަހައިގެން ބްރެޒިލް (2-1) މޮޅުވެއްޖެއެވެ.
ކޮލިފައިންގައި ބްރެޒިލްގެ ނަތީޖާތައް ދަށެވެ. ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ވެސް ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ. ނަމަވެސް ރޭ ލިބުން މޮޅާއިއެކު އެ ޓީމް ވަނީ ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 9 މެޗުން 13 ޕޮއިންޓް ވަނީ ލިބިފައެވެ. މިވަގުތު އެއްވަނާގައި އޮތީ އާޖެންޓީނާއެވެ. އެ ޓީމަށް 9 މެޗުން ވަނީ 19 ޕޮއިންޓް ލިބިފައެވެ.
މިއީ ކޮލިފައިންގައި ބްރެޒިލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. މީގެތެރެއިން، އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި، މިއީ ރަށުން ބޭރުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗިލީންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އެޑުއާޑޯ ވާގަސް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފެލިޕޭ ލޮޔޯލާގެ އެހީތެރިކަމާއި އެކުއެވެ. ބްރެޒިލަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ނަތީޖާ ހަމަހަމަ ކޮށްދިނީ އިގޯ ޑަ ކުރޫޒްއެވެ. އޭނާ މި ލަނޑު ޖެހީ ސަވީނިއޯގެ އެހީތެރިކަމާއި އެކުއެވެ.
ދެވަނަ ހާފުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެ ޓީމް މެޗުން މޮޅުވި ލަނޑު 89 ވަނަމަ މިނެޓުގައި ޖަހައިދިނީ ލުއިޒް ހެންރިކުއޭއެވެ.
ބްރެޒިލުން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުކުޅެއެވެ. އޭގެތެރޭގައި، އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު، އެލިސަން ބެކާ އާއި ވިނީޝިއުސް ޖޫނިއާގެ އިތުރުން އެޑާ މިލިޓާއޯ ހިމެނެއެވެ. މީގެއިތުރުން، އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ނޭމާ އަދިވެސް ހުރީ އަނިޔާގައެވެ.
ކޮލިފައިންގައި ބްރެޒިލް ދެން ނުކުންނާނީ ޕެރޫއާއި ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު އޮންނާނީ އަންނަ ބުދަދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!