އިންޑިއާއިން ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ސަބްމެރިން އުފެއދުމަށް ނިންމައިފިއެވެ.

އިންޑިއާ ހިމެނޭ ސަރަޙައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުން ދިއުމާ ގުޅިގެން، އެ ޤައުމުގެ ކަނޑުގެ ބާރު އިތުރުކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ ދެ ސަބްމެރިން އުޅަނދު ބަނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ.

Ad
rt

ބުދަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކެބިނެޓުން ނިންމި ނިންމުމުގައި، އަލަށް ބަންނަން ނިންމި ދެ ސަބްމެރިނަކީ އިންޑިއާގެ ކަނޑުގެ ސިފައިން ބަންނަން ރާވާފައިވާ 6 ސަބްމެރިންގެ ތެރެއިން ފުރަތަމަ ދެ ސަބްމެރިން ކަމަށް ދިފާއީ ދާއިރާގެ އިސް ދެ އޮފިޝަލަކު މައުލޫމާތު ދީފައިވެފައިވެއެވެ. މި މަޝްރޫއަށް 450 ބިލިއަން ރުޕީ (5.4 ބިލިއަން ޑޮލަރު) ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މި އުޅަނދުތައް ބަނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންޑިއާގެ ދެކުނުގައި އޮންނަ ވިޝާކަޕަޓްނަމް ބަނދަރުގައި ހުންނަ ސަރުކާރުގެ ބޯޓު ބަނުމުގެ މަރުކަޒުގައެވެ. ނަމަވެސް މި އުޅަނދުތައް ނިންމާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނިއުކްލިއަރ ހަތިޔާރު ހަރުކުރެވޭ މި ސަބްމެރިން ތަކަކީ އާންމު ޑީސަލް އިންޖީނު ބޭނުންކުރާ އުޅަނދުތަކަށް ވުރެ ބާރަށް ދުއްވޭ، އަޑު މަަޑު އަދި ފެނުގެ އަޑީގައި ގިނަ ވަގުތު ހޭދަކުރެވޭ އުޅަނދު ތަކެކެވެ. މިފަދަ އުޅަނދުތައް ބަނަނީ ޗައިނާ، ފްރާންސް، ރަޝިއާ އަދި އެމެރިކާ ފަދަ މަދު ޤައުމުތަކަކުންނެވެ.

އިންޑިއާއިން މި ފިޔަވަޅު އަޅަނީ ޗައިނާގެ ކަނޑުގެ ބާރު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. މިހާރު ޗައިނާގެ ކަނޑުގެ ސިފައިންގައި 370 އަށް ވުރެ ގިނަ އުޅަނދު ހިމެނެއެވެ. އަދި 2020 ވަނަ އަހަރު ދެ ޤައުމުގެ ސަރަހައްދީ ބޯޑަރުގައި ހިނގި ހަމަނުޖެހުމުގައި 24 މީހުން މަރުވުމާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ.