ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ހައްޔަރުކުރީ އެމްބަސީތައް ކައިރީގައި މުޒާހަރާކުރާ މައްސަލާގައި ދިވެހި ސަރުކާރަށް އެމްބަސީތަކުގެ ޝަކުވާ ލިބެން ފެށުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.
ޝާދިޔާ ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަން އޭނާ ފަރާތުން ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ބޭރުގެ ސަފީރުންނާއި އެމްބަސީތަކަށް ހިމާޔަތް ދިނުމަކީ ވިއެނާ ކޮންވެންޝަންގެ ދަށުން ރާއްޖޭގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެމްބަސީ ކައިރީގައި މުޒާހަރާ ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރަމުންދާތީ އެކަމުގެ ޝަކުވާ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ޝާދިޔާ ހައްޔަރުކުރީ މުޒާހަރާ ކޮށްގެން ނޫން ކަމަށާއި އޭނާ ހައްޔަރުކުރީ އެމްބަސީ ކައިރީގައި މުޒާހަރާ ނުކުރަން ފުލުހުން އެންގުމުން އެތަނުން ދާން ދެކޮޅު ހެދުމުން ކަމަށެވެ. އެހެންވެ، ދައުލަތުން އެދުނީ ޝާދިޔާ ބަންދުކުރި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޝާދިޔާގެ ވަކީލް ވިދާޅުވީ އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ސަފީރުން ޝަކުވާ ކުރި ކަން ފުލުހުން ކުރިން ބުނެދީފައިނުވާ ކަމަށެވެ. އަދި އެ މައްސަލާގައި ޝާދިޔާގެ މައްޗަށް ދައުވާ ނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހެދިދާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ނަމަވެސް ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ބުނެ ހައްޔަރުކުރި މީހަކާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަންވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދި އެވެ. އެފަދަ އެއްބަސްވުމެއް ހަދަން ބޭނުން ނުވާ ކަމަށް ޝާދިޔާ ބުނެފައި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޝާދިޔާގެ ވަކީލް އެދިވަޑައިގަތީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!