ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ ތެރެއިން އެންމެ ރީތި އެއް ރަށަކީ ވަށަފަރެވެ. ރަށުގެ ދެކޮޅުގައި ޗާލު ދޮންވެލި ތުނޑި އޮތްއިރު ރަށުގެ އުތުފަރާތުގައި، އެއްކޮޅުން އަނެއްކޮޅަށް ދެމިފައިވާ ދޮންވެލި އަތިރިމައްޗާއި، އެ ރަށަށް ލިބިފައިވާ މާސިންގާ ނޫކުލައިގެ ބޮޑު ފަޅަކީ ބަލައި ފޫހިނުވާހާ ރީތި ތަންތަނެވެ.

ތިލަދުންމަތީގެ އެންމެ ބޮޑަށް ލޯކަލް ޓްއަރިޒަމް ފުޅާވެފައިވާ އެއް ރަށަކީ ވަށަފަރު ކަމަށްވާއިރު، މިވަގުތު އެ ރަށުގައި 11 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ. އައު ގެސްޓް ހައުސްތައް ދަނީ އިމާރާތް ކުރެވެމުންނެވެ. އެ ރަށުގައި ފަތުއަޑުކިޔާފައި ފަތުރުވެރިކަން އެހެރަގެން ދަނީ ކުރިއަށެވެ.

Ad
rt

ނަމަވެސް އެ ރަށުގެ އެންމެ އުންމީދީ މަޝްރޫއު ކަމަށްވާ "ވަށަފަރު ސިޓީ ހޮޓާ" މަޝްރޫއު ނުނިމު ދިގުލައިގެން ދިޔުމަކީ ރަށުގެ ހަމަ ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުމެކެވެ.

ވަށަފަރު ރައްޔިތުންގެ އުންމީދުތަކާއި ގުޅޭ "ސިޓީ ހޮޓާ" ކުލަނުވެ 8 އަހަރު!

ވަށަފަރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ރަށުގެ އެންމެ ރީތި ސަރަހައްދު ކަމަށްވާ ހުޅަނގުކޮޅުން 300000 (ތިންލައްކަ) އަކަފޫޓުގެ ބިމެއް (ރަށުގެ ތިންބައިކުޅަ އެއްބައި ވަރުގެ ބޮޑު ބިމެއް) ދޫކޮށްފައި ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިންނެވެ.

ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ވަށަފަރު ކައުންސިލާއި ހއ.ހޯރަފުށި / ސޯސަންމާގެ ޠަލްހަތު ރަޝީދު އާއި ދެމެދު 60 މަސްދުވަހުން (5 އަހަރުން) މަސައްކަތް ނިންމާގޮތަށް އެއްބަސް ވުމުގައި ސޮއި ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ވަށަފަރު، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

ސިޓީ ހޮޓާ ނިންމައި އޮޕަރޭޝަން ފައްޓަން ކަނޑައެޅި މުއްދަތުގެ އިތުރުން ފަސް އަހަރު އަންނަ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހު ހަމަވާއިރު އެތަނުގެ އަމަލީ މަސައްކަތް ނިމިފަވަނީ ކިހާ މިންވަރަކަށްތޯ ސުވާލު ކުރުމުން ވަށަފަރު ކައުންސިލްގެ ރައީސް އަހްމަދު މުއީން ބުނީ އެތަނުގައި އަށް ބޮލްކެއްގެ ކޮންކްރީޓް މަސައްކަތް ނިންމައި ފުރާޅު އެޅުން ފިޔަވައި މާގިނަ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

އެތަނުގެ މަސައްކަތް މިހާރު އެއްގޮތަކަށް ވެސް ނުކުރާތާ ތިންވަރަކަށް އަހަރު ވެދާނެކަން ފާހަގަ ކުރަމުން އޭނާ ބުނީ މިވަގުތު އެތަނުގައި ތިބީ އެންމެ ދެ މުވައްޒަފުން ކަމަށާއި، ގަބޫލުކުރެވޭ ގޮތުގައި އެއީ އެތަން ބަލަހައްޓަން ތިބޭ ދެ މީހުން ކަމަށެވެ.

ވަށަފަރު، ފަތުރުވެރިންގެ ހިތް ދަމައިގެންފައިވާ ރީތި މަންޒިލެއް!

ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ބޭނުންވާ ސާމާނު ގުދަން ކުރުމަށާއި އަދިވެސް އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް ސިޓީ ހޮޓާ އަޅާ ސަރަހައްދުން 35000 (ތިރީސްފަސްހާސް) އަކަފޫޓުގެ ބިމެއް ކައުންސިލުން ކޮންޓްރެކްޓާއަށް ހިލޭ ދޫކުރިއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މުއީން ބުނީ ގަބޫލުކުރެވޭ ގޮތުގައި އޭރުއޮތް ކައުންސިލުން އެގޮތައް އަމަލުކުރީ އެ މަސައްކަތް އަވަހަށް ނިންމުމަށް އެހީތެރިކަން ފޯރުކޮށް ދިނުމިގެ ގޮތުން ކަމަށެވެ. ނަމަވެސް ޕްރޮޖެކްޓް ނުނިމި އިންތިހާއަށް ދިގުލައިގެން ދިޔުމުން، ރަށުގެ ގެސްޓް ހައުސްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގާ ހާލުގައި އެ ބިން ތާއަބަދު ކުލި ނުނަގާ ނުބޭއްވޭނެ ކަމަށެވެ. އެ ގޮތައް އަމަލުކޮށްފިނަމަ އެތައް ބައެއްގެ ހައްގު ގެއްލިގެންދާ ކަމަށެވެ. މިހާރު ވެސް ގެސްޓް ހައުސް ހިންގާ ފާރާތްތަކުން އެ ޝަކުވާ ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމުގައި އޭނާ ބުންޏެވެ.

ވުމާއިއެކު ކައުންސިލުން ވަނީ މި އަހަރުގެ އޭޕްރިލް މަހު 1 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އެ ބިމަށް އަކަފޫޓަކަށް މަހަކަށް 2 ރުފިޔާ ނަގަން ފާސްކޮށް ސިޓީ ހޮޓާ ހަދަން ހަވާލުވީ ފަރާތަށް އަންގާފައެވެ. ނަމަވެސް އެ ފަރާތުން އެ ފައިސާ ދެއްކުމަށް ވަނީ އިންކާރު ކޮށްފައި ކަމުގައި މުއީން ބުންޏެވެ.

ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލް ކުރީ، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާތީ: ވަށަފަރު ކައުންސިލް

ސިޓީ ހޮޓާ ތަރައްގީ ކުރާފަރާތުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަށަފަރުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެ ފަރާތުން ކަނޑައަޅާފައިވެއެވެ. އެ ކަންކަމުގެ ތެރޭގައި އެ ރަށުގެ ކޭބަލް ޓީވީގެ ހިދުމަތާއި، އިންޓަނެޓް އެޅުމާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއި ލެބޯޓްރީއަށް ބޭނުންވާ އިކްއިޕްމެންޓް ހޯދުމުގެ އިތުރުން ފެނާ ނަރުދަމާ އެޅުން ހިމެނެއެވެ.

މުއީން ބުނީ މި ކަންކަމުގެ ތެރެއިން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތުގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ބައެއް އިކުއިޕްމެންޓް ހޯދައިދިން ކަމަށާއި ނަމަވެސް ކޭބަލްޓީވީގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތުގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައިނުވާ ކަމަށެވެ.

ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން މިހާރު ފެނާ ނަރުދަމާގެ މަސައްކަތް އެ ރަށުގައި ކުރަމުން އަންނައިރު، އެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިންމާފައެވެ. އެއީ 78 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ވަށަފަރު، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

މުއީން ބުނީ ސިޓީ ހޮޓާ ޕްރޮޖެކްޓްގެ ސީއެސްއާރުގެ ދަށުން އެ ރަށުގައި ފެނާ ނަރުދަމާ އަޅަން ނިންމާފައި އޮތްއިރު، އެ މަސައްކަތް ސަރުކާރުން ކުރާނަމަ ސިޓީ ހޮޓާ ހިންގާ ފަރާތުން އެކަމަށް ހަރަދުވާ 78 މިލިއަން ރުފިޔާ ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށެވެ. އެ ފައިސާ ކައުންސިލަށް ލިބޭނެ ގޮތަކީ ކޮބައިތޯ ޓޫރިޒަމް މިނިސްޓްރީގައި އެކިފަހަރު މަތީން ދެންނެވިފައި ވާނެކަމަށާއި ނަމަވެސް މިނިސްޓްރީގެ ރާގު ހުރީ އެ ފައިސާއަކީ ކައުންސިލަށް ދައްކަން ޖެހޭނެ އެއްޗެއް ނޫން ކަމަށް ދޭހަވާ ގޮތައް ކަމުގައި އޭނާ ބުންޏެވެ. އަދި އެ ފައިސާ އެއީ މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި އެ ފަރާތުން ބުނަމުން އަނަނަ ކަމުގައި އޭނާ ބުންޏެވެ.

ވަށަވަރުގައި ސިޓީ ހޮޓާ ހަދަން ހަވާލުކޮށްފައިވާ ބިމަކުން ކައުންސިލަށް ލިބެންޖެހޭ ފައިސާއަށް ''މިނިސްޓްރީން އަތްގަދަ'' ކުރަންޖެހޭ ސަބަބެއް އެއް ގޮތަކަށް ވެސް ނުވިސްނޭ ކަމުގައި އޭނާ ބުންޏެވެ.

ވަށަފަރު، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

މި ކަންބޮޑުވުންތަކާއި ގުޅިގެން ވަށަފަރު ކައުންސިލުން އިއްޔެ ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ސިޓީ ހޮޓަލާއި ގުޅޭގޮތުން ކައުންސިލާއި ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާތު ދެއްވުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެކިފަހަރު މަތިން އެދެވިފައި ކަމަށެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައްޔާއި ޖުލައި މަހުގެ 31 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމުގައި އެކަމަށް އެދިފައި ވާނެ ކަމަށާއި އަދި އޮގަސްޓް 8 ވަނަ ދުވަހު ސިޓީއަކުން ވެސް އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ވަށަފަރުގެ ބޭރުމަތި، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

މީގެ އިތުރުން މި މަހު 16 ވަނަ ދުވަހު ކައުންސިލުން ރައްޔިތުނާއި ބޭއްވި ބައްދަލުވުމުގައި މި މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިނިސްޓްރީއަށް ވެސް ދައުވަތު އެރުވިފައި ވާނެ ކަމަށާއި ނަމަވެސް ސިޓީ ހޮޓާ މައްސަލައާއި ގުޅިގެން ކައުންސިލުން ފޮނުވި އެއްވެސް ސިޓީއަކަށް ޓޫރިޒަމް މިނިސްޓްރީން ޖަވާބު ދެއްވާފައި ނުވާކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ވަށަފަރުގެ ބޭރުމަތި، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

އެއްވެސް ސިޓީއަކަށް ޖަވާބުނުދީ ރައްޔިތުންނާއި ކައުންސިލްގެ ބާރު ކަނޑުވާލައި މި ޕްރޮޖެކްޓާއި ގުޅިގެން މިނިސްޓްރީއާއި ކައުންސިލާއި ދެމެދު ހަދާފައިވާ އެމްއޯޔޫއަށް ބަދަލު ގެނައުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން އެ ބަޔާނުގައި ވަނީ ކުށްވެރި ކޮށްފައެވެ.

މުއީން ބުނީ ބޭނުންވަނީ އަވަސް ހައްލެއް ކަމަށާއި ރަށުގެ އެންމެ މުހިންމު ސަރަހައްދުން ބޮޑު ބިމެއް މަންފާއެއް ނެތި އެތައް އަހަރެއް ވަންދެން ދޫވެފައި އޮތުމަކީ މާލީ ގޮތުން ވެސް ރަށަށް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމަށެވެ.