ހއ. ވަށަފަރުގައި ތަރައްޤީ ކުރަމުން އަންނަ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލް ކުރީ، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާތީކަމަށް ވަށަފަރު ކައުންސިލުގެ ރައީސް އަޙްމަދު މުޢީން ވިދާޅުވެއްޖެ އެވެ.

މުއީން މިފަދައިން ވިދާޅުވީ، "ވަށަފަރު ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލު ކުރުމުން އޭސީސީއަށް" މި ސުރުހީގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ އާޓިކަލްއަށް ރައްދުދީ ވަށަފަރު ކައުންސިލުން ނެރުނު ނޫސް ބަޔާނާއި ގުޅޭގޮތުން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މުޢީން ވިދާޅުވީ، ސިޓީ ހޮޓާ ނުނިމި ގިނަ ދުވަސްތަކެއް ވެފައިވުމުން ރައްޔިތުންގެ މެދުގައި ކަނބޮޑުވުން އިންތިހާއަށް އޮތްކަމަށާއި މިއަހަރުގެ ކުރީކޮޅު އެރަށު 100 އަށްވުރެއްގިނަ މީހުން ސޮއިކޮށް ޕެޓިޝަނެއް ކައުންސިލްއަށް ހުށައަޅާފައިވާކަމަށެވެ.

އެކައުންސިލްގެ 3 ކައުންސިލަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ވަނީ، އަށް އަހަރަށްވުރެ ގިނަދުވަސް ފާއިތުވެގެން ދިޔައިރު، ރައްޔިތުންނަށް އެތަނުން އެއްވެސް މަންފާއެއް ލިބިފައި ނުވާކަމަށެވެ.

ސިޓީ ހޮޓަލުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވާއިރު، 102 ކޮޓަރި އަޅަންޖެހޭ ތަނެއްގައި 24 ކޮޓަރި އަޅާ ނިމިފައިވާ ކަމަށް ލިޔުމުގައި ބަޔާންކޮށްފައިވީނަމަވެސް ސާމްޕަލް ރޫމުވެސް އަދިނިމިފައި ނުވާކަން ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މަސައްކަތް ކުރުމުގެ ހުއްދަ ދިންކަން އެ ކައުންސިލަށް އަންގާފައިވާ ތާރީހުން ފެށިގެން 60 މަސްދުވަސް ސިޓީ ހޮޓާ ތަރައްގީކުރުމުގެ އެއްބަސްވުމާއި އެއްގޮތަށް އެފަރާތަށް ދީފައިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އިތުރު ތިން އަހަރާއިއެކު ޖުމްލަ އަށް އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު އެ ކައުންސިލަށް އެފަރާތުން ހުށަހަޅަންޖެހޭ ޑޮކިއުމެންޓުތައް ހުށަނާޅާ ކަމަށާއި، ފެންވަރުދަށް ބައު ތަކެތި ބޭނުންކޮށްގެން މަސައްކަތް ކުރާކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމަށް ވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

"ސިޓީ ހޮޓާ ތަރައްގީކުރުމަށް ތިންލައްކަ އަކަފޫޓުގެ ބިމެއް ދީފައިވަނީ ރަށުގެ ރައްޔިތުންނަށް އެކަމުގެ މަންފާއާއި ލާބަ ލިބޭނޭކަމަށް ދެކިގެން"

ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

އެގްރީމެންޓުގެ ދަށުން ވަށަފަރަށް އެފަރާތުން ކޮށްދިނުމަށް އެއްބަސްވެފައިވާ ކަންކަން ނިމިފައި ނުވާކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

ނޫސް މަޖައްލާތަކަކީ ރައްޔިތުންނަށް ރަނގަޅު، އިތުބާރު ހިފޭ ތެދު ޚަބަރުތައް ގެނެސްދޭންޖެހޭ ފަރާތަކަށްވީހިނދު، ވަކިފަރާތަކަށް ބުރަވެ، ހަމައެކަނި އެފަރާތެއްގެ މައުލޫމާތު ހިމަނައިގެން ލިޔުންތައް ޝާއިއު ކުރުމަކީ މުޖުތަމައަށް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށް އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސިޓީ ހޮޓަލުގެ މަސައްކަތް ހިނގަމުންދާގޮތާއި މިހާރު މަސައްކަތް ނިމިފައިވާ މިންވަރު ވަރަށް ސާފުކޮށް ފެންނަން ހުރިހިނދު، މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް ރިޕޯޓުކުރުމަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު އަދި ކައުންސިލާއި މެދު ގޯސް ތަސައްވުރެއް ދިނުމަށް ލިޔެފައިވާ ލިޔުމެއްކަން ފާހަގަކޮށް އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަށަފަރު ކައުންސިލުން އެއްބަސްވެ ޙަވާލުކޮށްފައިވަނީ 50 އަހަރު ދުވަހަށެވެ.

ހއ.ހޯރަފުށީގެ ތޮއްލަތު ރަޝީދުއާއި ދެމެދު، ވަށަފަރުގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 78 ވަނަ އާންމު ބައްދަލުވުމުން ނެވެ. އެބައްދަލުވުމުން ވަނީ ސިޓީ ހޮޓަލާއި ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެކައުންސިލް އާއި ދެމެދު ވެފައިވާ އެމްއޯޔޫވެސް ބާތިލްކޮށްފަ އެވެ. މިއާއި އެކު އެތަން ހަދަން ހަވާލުވި ފަރާތުން އެ މައްސަލަ ވަނީ އޭސީސީއަށް ވައްދާފަ އެވެ.

ވަށަފަރު ބިމުގެ ތިންބައިކުޅަ އެއްބައި ހިމެނޭ ވަރުގެ ސަރަހައްދެއްގައި ސިޓީ ހޮޓާ އެޅުމަށް އެއްބަސްވެފައިވަނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ޝަރުތުކޮށްފަ އެވެ. އެގޮތުން ފެނާ ނަރުދަމާގެ މަސައްކަތްވެސް ހިމެނެއެވެ. އެހެން ނަމަވެސް މިހާރު ސަރުކާރުން އަންނަނީ އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން އެމަސައްކަތްވެސް ކުރަމުންނެވެ. އެމަޝްރޫޢުއަށް ސަރުކާރު ބަޖެޓުން 78 މިލިޔަން ރުފިޔާ ހަރަދު ކުރެއެވެ.