ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ނިސްބަތުން ތަރައްޤީ ކުރެވިފައިވަނީ މަދު އަދަދެއްގެ ފަތުރުވެރިކަމުގެ ރިސޯޓެވެ. ހއ. އަތޮޅުގައި މަނަފަރާއި، ދޮނަކުޅީގައި ތަރައްޤީކުރެވިފައިވާ ދެ ރިސޯޓަކީ، ފަތުރުވެރިކަމުގައި މިހާރު ފާހަގަ ކޮށްލެވޭނެ ދެނަމެވެ. ނަމަވެސް، ހދ، އަތޮޅުގައި އޮޕަރޭޓު ކުރެވެމުންދާ ހޮނޑާފުށި އައިލެންޑް ރިސޯރޓް އަދި އޮތީ ޅަފަތުގައި، މަދު އެދުނދުތަކަކާއެކު، އޮޕަރޭޓް ކުރެވޭ ރިސޯޓެއްގެ ގޮތުގައެވެ.

އުތުރުގެ ސަރަހައްދުގައި މަދު ރިސޯރޓްތަކެއް ހުރި ނަމަވެސް ކާމިޔާބު ކަމާއެކު ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފައްކާވާތަން ދަނީ ފެންނަމުންނެވެ. މިފުރުޞަތު އޮތް، ރީތި ގޮނޑުދޮށްތައް ހުރި އެތައްރަށެއް މިސަރަހައްދުގައިވާއިރު، ހއ. ވަށަފަރަކީ ލޯކަލް ޓޫރިޒަމަށް ފައްކާވެ، ދޮންވެފައިވާ ރަށެކެވެ.

Ad
rt

ފަތުރުވެރިކަމަށް އުތުރުން ނަމޫނާއެއް

އުތުރުގެ މައި ވައިގެ ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ސްޕީޑު ލާންޗެއްގައި ފުރައިގެން ވިއްސަކަށް މިނިޓުގެ ރާސްތާގައި އޮންނަ ހއ. ވަށަފަރަކީ ލޯކަލް ޓޫރިޒަމަށް އުތުރުން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. އާބާދީގައި 980 އެއްހާ މީހުން ތިބި 33 ހެކްޓަރގެ ވަށަފަރަކީ، އުތުރުގެ ސަރަހައްދުން ލޯކަލް ޓޫރިޒަމުގެ ނަފާ ހޯދޭނެކަން ދައްކަމުންދާ، ނަމޫނާ އެއްރަށެވެ.

ގުދުރަތީ ރީތި ގޮނޑުދޮށް

ހއ. ވަށަފަރުގެ ގޮނޑު ދޮށަކީ، ފަތުރުވެރިންގެ ހިތް ދަމައިގަންނަ ފަދަ ރީތިކަން ޤުދުރަތުން ދެއްވާފައިވާ، ވަރަށް ރީތި، ހިމުން، ހުދު ދޮންވެލި ގޮނޑު ދޮށެކެވެ. ސާފު މޫދާއި، ނަލަ ނަލަ ފަޅުން ފަތުރުވެރިންގެ ހިތްތަކަށް އިތުރަށް އުފާވެރިކަން ގެނުވާނެއެވެ.

ވަށަފަރުކައިރީ އޮންނަ ފިނޮޅު، އިތުރު ހަދިޔާއެއް

ވަށަފަރާއި ފަސް މިނިޓުގެ ރާސްތާގައި އޮންނަ ފިނޮޅަކީ، ވަށަފަރުގެ މުހިންމުކަން ފަތުރުވެރިނަށް އިތުރުވާ ހިތްގައިމު ފިނޮޅެކެވެ. ހިމުން ދޮންވެލީން އުފެދިފައިވާ މިފިނޮޅަކީ ފަތުރުވެރިން ހިތްދަމައި ގަންނަ ގުދުރަތީ ރިވެތި ހަދިޔާ އެކެވެ. ފިނޮޅުގެ ވަށައިގެންވާ ސާފު ނަލަ މޫދާއި އެކު މިފިނޮޅަކީ ދުވާލާއި، ރޭގަނޑުވެސް ފަތުރުވެރިންގެ ހިތްތަކަށް އަރާމުހޯދާ މުހިންމު ތަނެކެވެ.

ސާފު ތާހިރު، ހިތްގައިމު ވެއްޓެއް

ވަށަފަރަކީ މުޅިރަށުތެރެ ވަރަށް ސާފު ތާހިރުކޮށް ބަލަހައްޓާ ރަށެކެވެ. ރަށުގެ ގޮނޑު ދޮށާއި، މަގުތަކުގައި އޮންނަ ސާފުތާހިރުކަން ދައްކުވައިދެނީ ރަށުގެ ރައްޔިތުން ރަށަށްޓަކައި އޮންނަ ލޯތްބެވެ. ރަށުގައި ހެދިފައި ހުންނަ ހިޔާ ބޮޑެތި ގަސްތަކާއި، ރީތި ދިވެހި ރުއްތަކުން ލިބިދޭ ހިތް އުފާކަމަކީ، ފަތުރުވެރިންނާއި ދަތުރުވެރިންނަށްވެސް ލިބުން އެދެވޭ އުފާވެރިކަމެކެވެ. ރަށުގެ ގޮނޑުދޮށުގެ ރުއްގަނޑުން ވީއްލިގެން އަންނަ ފިނިރޯޅިއަކީ ވަކިން ހާއްސަ އުފާވެރި އިހުސާސްކުރުވާ ފިނި ރޯޅިއެކެވެ.

އެކުވެރި ރައްޔިތެއް، އިޖުތިމާއީ މައްސަލައެއް ނެތް

ވަށަފަރުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ. ޚިޔާލު ތަފާތުކަމާއި، ދެބަސްވުން ނެތް ބަޔެކެވެ. ރަށުގެ ސާފުތާހިރުކަމާއި، އަމާންވެށި ބުނެދޭ ވާހަކައަކީ ރަށުގެ ރައްޔިތުންގެ އެކުވެރި ކަމެވެ. ރަށުގައި އެއްވެސް އިޖުތިމާއީ މައްސަލައެއް ނެތުމަކީ ރާއްޖޭގެ މަދު ރަށަކުން ނޫނީ ނުލިބޭނެ ނަސީބެކެވެ.

ރަށުގައި ހުރި އާސާރުތައް

ވަށަފަރުގައި ގާތްގަނޑަކަށް 130 އަހަރު ވެފައިވާ ހުރި ނިކަގަހާއި، ރަށުގައި ހުރި އާސާރީ މިސްކިތަކީ ވަށަފަރަށް ޒިޔާރަތްކުރާ ގިނަބައެއްގެ ސަމާލުކަން ލިބެމުން އަންނަ ކޮންމެހެން ޒިޔާރަތްކޮށްލަން މުހިންމު ތަންތަނެވެ. މިއާސާރު ތަކަކީ، ވަށަފަރުގެރީތި ކަމާއި ހިތްގައިމުކަން އިތުރުކޮށްދޭ ތަންތަނެވެ.

ލޯކަލު ޓޫރިޒަމަށް ފައްކާވެފައި

ވާދީ އިން ވަށަފަރާއި، ވަށަފަރު އިންއާއި، ވަށަފަރު ބުލޫ ކޮރަލްއާއި އަދި ކާސާމިއާ ވަށަފަރާއިއެކު ވަށަފަރުގައި ހަތަރު ޓޫރިސްޓު ގެސްޓު ހައުސްއެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. މިހަތަރު ގެސްޓު ހައުސްގައި 20 އެނދު އެބަ ހުއްޓެވެ. ބޭރުގެ އިންވެސްޓަރެއް ތަރައްޤީކޮށް އިތުރު ގެސްޓު ހައުސްއެއް ހަދައިނިމި، ހުޅުވުމަށް ތައްޔާރުވެފައި ވާއިރު އިތުރު 3 ގެސްޓު ހައުސްއެއް އެޅުމަށް އަމިއްލަ ފަރާތްތަކުން ވަނީ ބިން ހޯދާފައެވެ. ސްނޯކުލިންގއަށް މަރެއްފަދަ ވަށަފަރުގައި ވޯޓާރސްޕޯރޓްސްގެ ޚިދުމަތްވެސް ލިބެން ހުރެއެވެ.

ވަށަފަރު ސިޓީ ހޮޓާ، ރައްޔިތުންގެ އުންމީދާއި ގުޅިފައި

ވަށަފަރުގެ ހުޅަނގު ފަރާތުން މީގެ ފަސް ވަރަކަށް އަހަރުކުރިން ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ދޫކުރެވިފައިވާ 3 ލައްކަ އަކަފޫޓުގެ ބިމަކީ މުޅި ރަށުގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ތަނެކެވެ. ޓޫރިޒަމް މިނިސްޓްރީއާއި ވަށަފަރު ކައުންސިލުން ގުޅިގެން އެބިން ވަނީ 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މި ސިޓީ ހޮޓަލުގެ މައި ޖެޓީގެ މަސައްކަތް ނިމިފައިވާއިރު، ނަމޫނާ ރޫމާއި، ސްޓާފް ރޫމުގެ މަސައްކަތްވެސް ގާތްގަނޑަކަށްވަނީ ނިމިފައެވެ. 12 ރޫމެއްގެ ކޮންކްރީޓުގެ މަސައްކަތް ނިމިފައިވާއިރު ރެސްޓޯރެންޓްގެ ފަންސާސް އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.

ވަށަފަރުގެ ރައްޔިތުންގެ އުންމީދަކީ މިމަސައްކަތުގެ ދުވެލި ހަލުވިވެ، ރައްޔިތުންނަށް މިސިޓީ ހޮޓަލުގެ ނަފާ ސީދާގޮތުގައި ލިބުން އަވަސްވުމެވެ.

އިންވެސްޓަރުންނަށް ހުޅުވާލެވިފައި

ފަތުރުވެރިކަމުގެ ސިނާއަތުގައި ލޯކަލް ޓޫރިޒަމަށް ވަށަފަރުވަނީ ހުޅުވާލެވިފައެވެ. ރަށުގެ އަމާންކަމާއި، ރައްކާތެރި ވެއްޓާއި، ރަށަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމާއި މިހާރުވެސް ކާމިޔާބު ފަތުރުވެރިކަމުގެ ވިޔަފާރު ހިނގަމުން ދިޔުންފަދަ ސަބަބު ތަކަކީ، ވަށަފަރުގައި ލޯކަލް ޓޫރިޒަމަށް އިންވެސްޓު ކުރުމަށް އިންވެސްޓަރުން އަންނަންވީ ސަބަބުތަކެވެ. ކައިރީގައި ވައިގެ ބަނދަރެއް އޮތުމާއި، ދިވެހި ތާރީޚުގައި އެފަދަ ދެވަނައެއް ނެތް އުތީމު އެހާމެ ކައިރީގައި އޮތުން ފަދަ ސަބަބުތަކަކީ އިންވެސްޓުކުރުމުގައި އިތުރަށް ބާރުލިބޭ މުހިންމު ކަންކަމެވެ.

ހއ. ވަށަފަރަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ލޯކަލް ޓޫރިޒަމަށް މަރެކެވެ. ދިވެހިން ޗުއްޓީ ހޭދަކޮށްލަން ދިޔުމަށްވެސް ވަށަފަރަކީ އެއްމެ ރަނގަޅު އެއްމަންޒިލްކަން ކަށަވަރެވެ.