ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.58 ކިލޯއަށްވުރެއްގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަމަންދަރު، އުމުރުން 35 އަހަރުގެ އަޙްމަދު އަޙުސަންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.

Ad
rt

އަޙްމަދު އަޙުސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ އޭނާ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓުގައި ފުލުހުން ވަނީ އޭނާ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާކަން ފާހަގަކުރައްވާފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހަފްތާގައި ހިންގުނު މި އޮޕަރޭޝަނުގައި ހެރޮއިން، މެތެމްފެޓަމިން އަދި ސިންތެޓިކް ކެތިނޯން ހިމެނޭ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.

އަތުލެވުނު މަސްތުވާތަކެތީގެ ތެރޭގައި 3,058 ގްރާމްގެ ހެރޮއިން، 315 ގްރާމްގެ މެތެމްފެޓަމިން، އަދި 215 ގްރާމްގެ ސިންތެޓިކް ކެތިނޯން ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ އަދަދާއި އެހެނިހެން ތަފްސީލުތައް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ޚާއްޞަ ސަމާލުކަމެއް ދެމުން ގެންދެއެވެ. މިގޮތުން މި އަހަރުވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ.