ކިތަންމެ މޮޅު ޢިލްމަކާއި ތަޢުލީމެއް ލިބިފައި ހުއްޓަސް އެޢިލްމު އެހެންމީހުންނަށް އެނގޭނޭ ގޮތަށް ސާފުވާނޭހެން ބުނެދޭން ނޭނގޭ މީހެކޭ ފޮތް އަރުވާ ބަރާކޮށްފައިވާ ލޮރީއެކޭ އޮތީ ކޮން ތަފާތެއްހެއްޔެވެ؟
އެލޮރީގައި ބަރާކޮށްފައި އެހުރީ ލައްކަ މަޢުލޫމާތެވެ. ނަމަވެސް އެއިން ފޮތަކުން މަޢުލޫމާތެއް އެހެން މީހަކަށް ފަހުމުވާނޭހެން ބުނެދޭން ނޭނގުމުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން، ތިމާއަށް ލިބިފައިވާ ޢިލްމަކާއި ހުނަރެއް އެހެންމީހުންނަށް ބުނެދިނުމަށްވެސް ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި ވާހަކަދެއްކުންތެރިކަމަކީ ކޮބައިކަން އެނގެންޖެހެއެވެ. އަދި ވާހަކަދެއްކުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ހުށައަޅައިދިނުމަށް ކުރަން ޖެހޭ ކަންތައްތައް އެނގުން މުހިންމެވެ. މޮޅު ވާހަކަދެއްކުންތެރިންގެ ކިބައިގައި ވާހަކަދެއްކުންތެރިކަން ނުވަތަ ވާހަކަދެއްކުންތެރިކަމުގެ ވައްޓަފާޅި ހުންނަންޖެހޭނެއެވެ. މިމަޒުމޫނުގައި ބަލައިލާނީ މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
ވާހަކަދެއްކުން މާނަކުރެވެނީ ބަސްމޮށުން ނުވަތަ ތަޤުރީރު ކުރުމުގެ މާނައިގައެވެ. ވާހަކަދެއްކުންތެރިކަން ނުވަތަ އާންމު ތަންތާގައި ބަޔަކާ މުޚާޠަބުކުރުމަކީ ހިތަށް ވެރިވާ ޝުއޫރުތަކަކާއި ލިބިފައިވާ ޢިލްމެއް ނުވަތަ މަޢުލޫމާތެއް ދޫފަސޭހަކަމާއި، ހުނަރުވެރިކަމާއެކު އަނެކާއަށް ފަސޭހައިން ދޭހަވާނޭހެން، ބަހުގެ ހަމަތަކާއި ގަވާއިދާއި އެއްގޮތަށް ލަފުޒުތަކާއި ޖުމުލަތައް ތަރުތީބުކޮށް، އަދި އަޑުއަހަން ފަސޭހަ ޝައުގުވެރިގޮތަކަށް ބަޔަކަށް ހުށައަޅައިދިނުމެވެ.
މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި ވާހަކަދެއްކުންތެރިކަމުގެ މާނައިގައި ބޭނުންކޮށްފައިވާ ލަފުޒުތައް ކަމަށްވާ ޢިލްމު، މަޢުލޫމާތު، ދޫފަސޭހަކަން، ހުނަރުވެރިކަން، ފަސޭހައިން ދޭހަވުން، އަޑުއަހަން ފަސޭހަވުން، ޝައުގުވެރިކަން، ބަހުގެ ހަމަތަށް، އަދި ބަހުގެ ގަވާއިދު މިކަންކަން އެނގުމަކީ ވަރަށް މުހިންމު ކަންކަމެވެ.
ކޮންމެ ކަމެއް ކުރިކަމުގައިވީ ނަމަވެސް އެކަމެއް ކުރުމަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެއެވެ. އެގޮތުން ވާހަކަދައްކަން ފެށުމުގެ ކުރިން ތިމާ މުޢާމަލާތު ކުރަން މިއުޅެނީ ކޮންބަޔަކަށްކަމާއި، އަދި ކޮން ވާހަކައެއް ނުވަތަ މަޢުލޫމާތެއް ފޯރު ކޮށްދޭންތޯ ކަށަވަރު ކުރަންވާނެވެ. އެގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މައުޟޫއަށް އެންމެ ތާޒާ އަދާހަމަ މަޢުލޫމާތު ހޯދަންވާނެއެވެ. ހޯދި މަޢުލޫމާތުތައް ޕޮއިންޓު ފޯމެޓަށް އަތުރާލައި، އެއް ޕޮއިންޓު އަނެއް ޕޮއިންޓާ ގުޅުވާލައި އެހުންތެރިން އެންމެ ޝައުގުވެރިވާނޭ ފަދަ ގޮތަށް ތަރުތީބުކުރަންވާނެވެ. އެގޮތުން ވާހަކައިގައި އެކުލެވޭ އެންމެ އަސަރުގަދަބައިތައް ގެންނާނެ ވަގުތު ތަރުތީބު ކުރުމުން އެހުންތެރިންގެ ޝައުގުވެރިކަން އިތުރުވާނެވެ. މިފަދަ ކަންތައްތަކަކީ މޮޅު ވާހަކަދެއްކުންތެރިން ކުރާނެ ކަންތައްތަކެވެ.
ހުށައަޅައިދިނުމަކީ ތިމާ ކުރި މަސައްކަތުގެ ފޮނިމީރުކަން އަންނަ ހިސާބެވެ. އަޑުއެހުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ ހިސާބަކީވެސް މުހާޠިބުކުރަން ފަށާހިސާބެވެ. އަޑުއެހުންތެރިންގެ ޝައުގުވެރިކަން ހޯދުމަށް އެންމެ މުހިންމު އެއްކަމަކީ ރީތި ޝައުގުވެރިކުރުވަނިވި ފެށުމަކުން ފެށުމެވެ. ސަބަބަކީ ވާހަކަދައްކަން ފަށާއިރު އަޑުއެހުންތެރިންގެ ޝައުގުވެރިކަން ނުހޯދިއްޖެނަމަ، ފަހުން ޝައުގުވެރިކަން ހޯދުންވާނީ އުނދަގޫ ކަމަކަށެވެ. ފަށާއިރު ޅެންބައިތަކުން ފަށައި މައުޟޫޢުގެ ތެރެއަށް ވަދެވިދާނެއެވެ. އަޑުއެހުންތެރިންގެ ހިތްތަކާ ކުޅެލާ ކަހަލަ ފެށުމަކުން ފަށައިފިނަމަ، އެމީހަކީ މޮޅު ވާހަކަދެއްކުންތެރިއެއްކަމަށް ބަލައިގަންނަން ފަސޭހަވާނެއެވެ.
ވާހަކަދެއްކުންތެރިންގެ ކިބައިގައި އެކަމުގެ ހުނަރާއި ވައްޓަފާޅި ހުންނަންޖެހޭނެއެވެ. ހުނަރާއި ވައްޓަފާޅިއަކީ ތިމާ ކުރާ މަސައްކަތުން ތަރައްޤީ ކުރެވިދާނެ ސިފައެކެވެ. ހުނަރާއި ވައްޓަފާޅީގެ ތެރޭގައި ތިމާ ވަހަކަދައްކާއިރު އަޑާއި ރާގު ގެންގުޅޭގޮތް، ވާހަކައިގެ އަސަރު ގެންނަގޮތް، ހަށިގަނޑާއި ލޮލުގެ ހަރަކާތްތަށް ގެންގުޅޭގޮތް، ބަހުގެ ހަމަތަކާއި ގަވާއިދު ހިފަހައްޓާގޮތް އަދި ބަސްކޮށާރު ބޭނުންކުރާ ގޮތް މުހިންމު ދައުރެއް އަދާކުރެއެވެ. އެފަދައިން ހުނަރާއި ވައަޓަފާޅި ތަރައްޤީ ކުރުމަކީ މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކެވެ.
އެހެންކަމުން، މޮޅު ވާހަކަދެއްކުންތެރިޔަކަށް ވުމަށް ޓަކައި ވާހަކަދެއްކުންތެރިކަމަކީ ކޮބައިކަން އެނގެންޖެހޭނެއެވެ. އަދި، މީހުން ބަލައިގަންނަ މޮޅު ވާހަކަދެއްކުންތެރިޔަކަށް ވެވޭނީ ވާހަކަދެއްކުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައްވެ ފުރިހަމަ ހުށައަޅައިދިނުމުގެ އިތުރުން ވާހަކަދެއްކުމުގެ އެންމެހައި ހުނަރާއި ވައްޓަފާޅި އޭގެ އެންމެ ފުރިހަމަ މާނައިގައި ތަރައްޤީ ކުރެވިގެންނެވެ. އިސްވެ ބަޔާންކުރެވުނު މަޢުލޫމާތުތަކުން އެނގި ހާމަވެގެންދަނީ މޮޅު ވާހަކަދެއްކުންތެރިއަކަށް ވެވޭނީ ވާހަކަދެއްކުންތެރިކަމުގެ އެންމެހައި މަޢުލޫމާތާއި، ހުނަރާ އެކުވެ ދުރާލާ ތައްޔާރުވެ އަޑުއެހުންތެރިން ޝައުގުވެރި ކުރުވަނިވި ގޮތަކަށް ހުށައަޅައިދެވިގެންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!