ހދ.ކުޅުދުއްފުށީ ސިޓީގެ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސައްތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ފަރާތުންކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، އިތުރަށް ބޭނުންވާ މެޓީރިއަލްސް ހޯދުމާއި، ކޮންކްރީޓްގެ ހުރިހާ މަސައްކަތަކާއި، ލައިޓިންގެ މަސައްކަތާއެކު ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުންނެވެ.

މި މަސައްކަތް ހަވާލުކުރެވިފައިވަނީ 2,320,715.02 ރުފިޔާއަށް 145 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަޝްރޫޢު ނިމުމުން، ކުޅުދުއްފުށީ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ މީހުންނަށާއި، ފަތުރުވެރިންނަށް މަށިކުޅީގެ ރީތިކަން އިތުރަށް ހިތްފަސޭހަކަމާއެކު ބަލައިލެވޭނެ ފުރުޞަތު ލިބިގެންދާނެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރައްޔިތުންނަށް މުނިފޫހިފިލުވުމުގެ އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަޤްޞަދުގައެވެ. މި މަޝްރޫޢު ނިމުމުން ކުޅުދުއްފުށީގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.