ސިއްހަތާބެހޭ ވުޒާރާއިން، "ފަޒީސް ހިޖާމާ ތެރަޕީ" އަށް އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށް އަންގައިފިއެވެ.

ހިޖާމާގެ ފަރުވާ ދެމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ"ގެ ޚިދުމަތް ހުއްޓާލަން ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ އެތަން ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ލިބެންދެންނެވެ.

Ad
rt

މި ޚިދުމަތް ހުއްޓާލުމަށް، އެތަނުގެ ވެރިޔާ ފަޒީލާ ޢުޘްމާނަށް ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ، އެ ވުޒާރާއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށްފަހުގައިކަމަށް ސިއްހަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން، "ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ޞިއްޙީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ސިއްހަތާބެހޭ ވުޒާރާގެ ހުއްދަ ލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ، އެފަދަ އިޝްތިހާރުތައް ނެގުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ (އެތަނުގެ ފޭސްބުކް ޕޭޖު)ގައި ޝާއިޢުކޮށްފައިވާ ބަލިމީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތު ކަމަށް ނުބެލެވޭތީ، އެފަދަ ރިޕޯޓުތައްވެސް ނެގުމަށް ވަނީ އަންގާފައެވެ.

ސިއްހަތާބެހޭ ވުޒާރާއިން ވަނީ ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގައި ޚިދުމަތް ދެމުން ގެންދާނަމަ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް ފަޒީލާއަށް އަންގާފައެވެ.

2019 ވަނަ އަހަރުވެސް ފަޒީލާއަށް ސިއްހަތާބެހޭ ވުޒާރާއިން ވަނީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހުށަހަޅުއްވައިގެން ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ހޯއްދެވުމަށްފަހު ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް އަންގާފައެވެ.

މިހާރަކަށްއައިސް ޤާނޫނާ ޚިލާފަށް އޯލްޓަނޭޓިވް ބޭސްފަރުވާގެ ޚިދުމަތް (ހިޖާމާ އަދި ދިވެހި ބޭހުގެ ޚިދުމަތް) ދެމުންދާކަން ފާހަގަކުރެވިފައިވާތީ، ރަޖިސްޓަރީނުކޮށް މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.