''ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކޮށް، ޤާނޫނުތައް މުގުރަން އެއްވެސް ފުރުސަތެއް ނުދިނުންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން ރައީސް މުޢިއްޒުގެ ޤައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުންކަމަށާއި، ގޭންގް ކުށްތަކާ ޤާނޫނު މުގުރުމަށް އެއްވެސް ފުރުޞަތެއް ނުދެއްވުންކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޤައުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ޞިނާޢަތްތައް ތަޢާރަފްކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީ ވެސް ރައީސްގެ އަމާޒެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސްގެ ވާހަކާގައި ވަނީ، ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަޚުރުވެރިކަމެއްކަން ވިސްނައިދިނުމަށް ވެސް އެދިވަޑައިގަތެވެ.