އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރުދެއްކުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު (32) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަތުހަރުގެ ލޯބިވެރިޔާ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާއަށް ބުރާސްފަތި ދުވަހުގެ ރޭ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
އެ ހޮސްޕިޓަލުން އިއްޔެ އޭނާ ދޫކޮށްލި ނަމަވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ރޭ އަނެއްކާ ހާލު ގޯސްވުމުން އައިޖީއެމްއެޗްގައި ވަނީ އެޑްމިޓްކޮށް ފަރުވާ ދީފައެވެ. އެ ހޮސްޕިޓަލުން މިއަދު އޭނާ ދޫކޮށްލުމުން އަނެއްކާ ވެސް އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވޭ: ފުލުހުން
ފުލުސް މިއަދު ބުނީ، އަތުހަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގައިރު ހާޒިރުގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރު ކޮށްފައިވާ ކަމަށެވެ.
ކުށުގެ ރެކޯޑް އޮންނަ އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ޖަލުން މިނިވަން ކުރި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!