ސިޙްރުވެރިންގެ ދޮރުގައި ޓަކިޖަހައި، ކާހިނުކަން ކުރުމުގައި އެމީހެއްގެ ނަފްސު އިސްރާފުކޮށް، އެހެންމީހުންނަށް އަނިޔާކުރުމަށް އޭނާގެ ނަފްސު ޒީނަތްތެރިކޮށްފައިވާމީހާ ފަހެ، ދީން ފަސާދަކުރާ އެފާފަތައް ކުރުން ހުއްޓާލާށެވެ.

ސިޙްރު ހެދުމަށްޓަކައި ސިޙްރުވެރިއެއްގެ ގާތަށް ހިގައްޖެމީހާ ފަހެ، އޭނާގެ ދީން އޭނާގެ ދުނިޔެއަށްޓަކައި ވިއްކައިލައިފިއެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއަށް ހުށަހަޅައިފިއެވެ. އެއީ ދީނުން ބޭރުވާކަމެއް ކުރުމުގެ ސަބަބުންނެވެ. އަދި އެއީ ސިޙްރާމެދުގައި ރުހުމެވެ.

Ad
d

ސިޙްރުވެރިން ކައިރިއަށްދާމީހާ ވަނީ އަނދިރިކަންބޮޑު ކުށަކަށް އަރައިގެންފައެވެ. އޭގައި ހެއްދެވިފަރާތަށް އުރެދުމާއި މަޚްލޫޤުންނަށް އަނިޔާވެރިވުންވެއެވެ.

އަދި އޭނާ ކޮށްފައިވާ ހަލާކުކުރުވަނިވި ފާފަތަކާ މެދު ހިތާމަކުރާށެވެ. އަދި އެބޮޑުވެގެންވާ މުޞީބާތުގެ ތެރެއަށް އެނބުރި ނުދާށެވެ. އަދި ސިޙްރު ޙައްލުކޮށް އެބަޔަކަށް އުނދަގޫ ލިބިފައިވާ މީހުންގެ ކިބައިން ގެއްލުންތައް ފިލުވާށެވެ. އަދި ބޮޑުވެގެންވާ ޖަރީމާއިން ތައުބާވެ ﷲއަށް ރުޖޫޢަވާށެވެ. އަދި ތަައުބާވުމާއި އިސްތިޣްފާރުކުރުމާއި ސުންނަތް އަޅުކަމާއި ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރާށެވެ.

ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.

وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا ثُمَّ ٱهْتَدَىٰ ﴿20:82﴾

މާނައީ " ތައުބާވެ އީމާންވެ ޞާލިޙްޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން ތިމަންއިލާހުއީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަން ކަށަވަރެވެ."

އަދި ފިރްޢަޥްނުގެ ސިޙްރުވެރިން ތައުބާވެ، އެބައިމީހުންގެ ވެރި ރައްބަށް އެބައިމީހުން އީމާންވި ހިނދު ﷲ އެބައިމީހުންގެ ތައުބާ ޤަަބޫލުކުރައްވައި އެބައިމީހުންގެ ދަރަޖަ މަތިވެރިކުރެއްވިއެވެ. އަދި އެބައިމީހުންވީ މޫސާ عليه السلام އަށް ތަބަޢަވީ މީސްތަކުންގެ ތެރެއިންނެވެ.

ފަހެ، ކުށުން ބަރީއަވެގެންވާ މީހުންނަށް އަނިޔާވެރިވުމަށް ތިބާ ބިރުވެތިވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުން ދިފާޢުކުރާނޭ ބަޔަކު އެބައިމީހުންނަށް ވެއެވެ.

۞ إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ (22:38)

މާނައީ " ހަމަކަށަވަރުން ﷲ، އީމާންވީމީހުން ދިފާޢުކުރައްވަތެވެ."

އަދި އަނިޔާވެރިކަމުގެ ނިމުން ނުބައިވެގެންވެއެވެ. އަދި އޭގެ ޞާހިބު މީހާވަނީ ވަރުގަދަ އަޛާބަށް ހުށަހެޅޭނެ ކަމުގެ ވަޢީދަށް ހުށަހެޅިފައެވެ. ﷲ جل و علا ވަޙީކުރެއްވިއެވެ.

وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا (25:19)

މާނައީ " އަދި ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ ޢަޛާބުގެ ރަހަ، ތިމަންއިލާހު އެމީހަކަށް ދައްކަވާ ހުށީމެވެ."

ފަހެ، ތިބާގެ ދީނުން ބޭރުވެ ޝައިޠާނާއަށްވާ ޝިކާރައަކަށް ތިބާ ނުވާށެވެ. އަދި ދުނިޔޭގެ ކުރުކަމުގެ މަތިން ތިބާ ހަނދުމަކުރުން ހުއްޓެވެ. އަދި ހަމަކަށަވަރުން އަނދިރިވެގެންވާ ޤަބުރުގައި ތިބާއެކަނި އޮންނަންޖެހޭނެ ކަމުގެ މަތިން ހަނދުމަކުރުން ހުއްޓެވެ. އަދި ޢަދުލުވެރި ޙަކަމު ( ﷲތަޢާލާ )ގެ ކުރިފުޅުމަތީ ތިބާ ހުރެ، ތިބާގެ ސިޙްރުގެ ސަބަބުން ސިޙްރުޖެހުނު މީހާއަށް ލިބެންވާ ޖަޒާ ތިބާގެ ފަރާތުން އެއިލާހު ހިއްޕަވާނޭކަމުގެ މަތިން ތިބާ ހަނދުމަކުރުންހުއްޓެވެ.

ސިޙްރުވެރިން ގާތަށް ދާ މީހާއެވެ! ތިބާ ތައުބާ އިޢްލާން ކުރާށެވެ. އަދި ތިބާޔަށް މަގުތައް ބަންދުވުމުގެ ކުރިން ތިބާ ސިޙްރު ހަދާފައިވާ މީހުންނަށް ހަދާފައިވާ ސިޙްރު ޙައްލުކުރާށެވެ!!

ފަހެ، ތިބާ ތައުބާވާ މީހުންގެ މަގުގައި ހިފާށެވެ. އަދި ސިޙްރުވެރިންނާއި މުޝަޢްވިޛުންގެ މަގުން ތިބާ އިންޛާރު ލިބިގަންނާށެވެ.

އަޅަމެން ﷲގެ ޙަޟްރަތުން އެދެނީ އެއިލާހު މުސްލިމުން ފަސާދައުފައްދާ ސިޙްރުވެރިންގެ ޢަމަލުތަކުން ރައްކާތެރިކޮށްދެއްވުމެވެ. އަދި އެއިލާހު މުސްލިމުންގެ ތެރެއިންވި ސިޙްރު ޖެހިފައިވާ މީހާގެ އުނދަގޫތައް ފިއްލަވައި ދެއްވުމެވެ. އަދި އޭނާގެ މުޞީބާތައްވުރެ ބޮޑު ހެޔޮކަމެއް އޭނާއަށް ދެއްވާށިއެވެ.

އަޅަމެންގެ ނަބިއްޔާ މުޙައްދު صلى الله عليه وسلم އަށާއި އެނަބިއްޔާގެ އާލުންނަށާއި އެނަބިއްޔާގެ ޞަޙާބީންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

Ad
df

އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.