އަޅާ އޭނާގެވެރި ރައްބާއެކު ތެދުވެރިވެއްޖެނަމަ، އެއިލާހު އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުން އޭނާގެ ޢަދާވާތްތެރިންކަމުގައި ލައްވާނެތެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ.

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ (6:112)

Ad
d

މާނައީ " ހަމައެފަދައިން، ތިމަންއިލާހު، ކޮންމެ ނަބިއްޔަކަށް އިންސީންނާއި، ޖިންނީންގެ ޝައިޠާނުން ޢަދާވާތްތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން ވަސްވާސްދީ އުޅެތެވެ."

އަދި ހަމައެފަދައިން ނަބީބޭކަލުންނަށް ތަބަޢަވީމީހުންނަށް އެނަބިއްޔުންނަށް ކުރިމަތިވިކަންތައްތައް ކުރިމަތިވާނެތެވެ. އަދި އަޅަކު މަތިވެރިކުރެއްވުމަށް ﷲ އިރާދަކުރައްވައިފި ހިނދު އެއިލާހު އެއަޅާ އިމްތިޙާންކުރައްވާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ »

މާނައީ " އެމީހެއްގެ ކިބައިން ﷲ ހެވެއް އެދޭމީހާ ބަލާތައް ކުރިމަތި ކުރައްވައި އިމްތިޙާންކުރައްވަތެވެ. "

ސިޙްރުޖެހިފައިވާ މީހާއެވެ. އަދި ތިބާއަށް ކުރިމަތިވެފައިވާ ސިޙްރުގެ އުނދަގޫތަކާމެދުގައި ހިތާމަ ނުކުރާށެވެ. ފަހެ، ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم އަށް ސިޙްރު ޖެހިވަޑައިގެންނެވިއެވެ. އަދި ﷲ އެއިލާހުގެ އަޅާ އެއިލާހާ ކުއްތަންކުރެއްވުމަށްޓަކައި އިމްތިޙާން ކުރައްވަތެވެ.

އިބުނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ:

" ފަހެ، ހުސްޠާހިރުވަންތަ އިލާހު ވޮޑިގެންވަނީ ބަލީގައި އިމްތިޙާންކުރެވޭ މީހާއާ އެކުގައެވެ. އެއީ އެއިލާހުގެ ޙަޟްރަތުން އޭނާއަށްވާ ހެވަކާއި ރަޙްމަތަކާއި ކުއްތަންވުމެކެވެ. އެއީ ބަލީގެ ސަބަބުން އޭނާގެ ހިތް މަޑުމޮޅިވުމަށްޓަކައެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުންގެ ހިތްތައް މަޑުމޮޅިވާހިނދު އެބައިމީހުންނާއެކު އެއިލާހުވޮޑިގެންވެއެވެ."

އަދި ތިބާއާއި ކުރިމަތިވާކަންތަކާހުރެ ކޯފާނުވާށެވެ. އަދި ތިބާގެމައްޗަށް ﷲ ލިޔުއްވާފައިވާ ކަންތައްތަކާހުރެ، ( ކެތްތެރި ނުވުމުގެ ސަބަބުން ) ތިބާ ކުދިކުދި ނުވާހުށިކަމެވެ. ފަހެ، އެކަން މެދުވެރިވުމަކީ ތިބާ މަތިވެރިވުމުގެ ސަބަބަކަށް ވެދާނެއެވެ.

ﷲ جل وعلا ވަޙީކުރެއްވިއެވެ.

وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ

މާނައީ " އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުން ހުރި ކަމަކަށްވެދާނެތެވެ. " (2:216)

އަދި ދުނިޔަވީކަމެއް ތިބާއަށް ގެއްލިގެން ދިޔަކަމުގައިވީ ނަމަވެސް ފަހެ، އީމާންވީމީހުންނާއި އެބައިމީހުންގެ ވެރި އިލާހަށް ވަކީލުކުރާމީހުންނަށް ﷲގެ ޙަޟްރަތުގައި ވާއެއްޗެއް ހެޔޮވެފައި ދެމިގެންދިއުން މާބޮޑެވެ.

ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ: " ޙަސަދަވެރިވެފައިވާ އަނިޔާ ލިބިފައިވާ މީހާ ކެތްތެރިވެ އަދި ﷲއަށް ބިރުވެތިވެއްޖެ ހިނދު ހެޔޮނިމުން ވަނީ އޭނާއަށެވެ. "

ފަހެ، إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللهُمَّ أَجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا މިފަދައިން ކިޔުން ގިނަކުރާށެވެ.

އުންމު ސަލަމާ رضي الله عنها ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާތީ އަޅުގަނޑު އަޑު އެހީމެވެ. (( އެއްވެސް މުސްލިމަކު އޭނާއަށް މުޞީބާތެއް ކުރިމަތިވެ، ފަހެ، އޭނާއަށް ﷲ އަމުރުކުރައްވާފައިވާ ފަދައިން ( إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ، اللهُمَّ أَجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا ކިޔައިފިނަމަ އެއަށްވުރެ ބޮޑުހެވެއް ﷲ އޭނާއަށް ދެއްވާނެތެވެ.) އުންމު ސަލަމާ ވިދާޅުވިއެވެ. ފަހެ، އަބޫ ސަލަމާ އަވަހާރަވުމުން އަހަރެން ދެންނެވީމެވެ. މުސްލިމުންގެ ތެރެއިން އަބޫ ސަލަމާއަށް ވުރެ ހެޔޮކަން ބޮޑީ ކާކުހެއްޔެވެ؟ އެއީ ﷲގެ ރަސޫލާގެ އަރިހަށް އެންމެ ފުރަތަމަ ހިޖުރަކުރި ގޭބިސީއެވެ. އެއަށްފަހު އަހަރެން އެފަދައިން ވިދާޅުވީމެވެ. ފަހެ، އަހަރެންގެ ޙަޔާތަށް ﷲ، ﷲގެ ރަސޫލާގެންނެވިއެވެ.))

އަދި ދުނިޔޭގެ ހިތާމަތައް މުސްލިމެއްގެ މައްޗަށް ވިދިވިދިގެން އައިނަމަވެސް، އަދި އެހިތާމަތަކުގެ (މުއްދަތު) ދިގުވެގެން ދިޔަނަމަވެސް ފަހެ، އެކަންތަކުގެ ނިމުމަކީ ނެތިގެން ދިއުމެވެ. އެއަށްފަހު އެހިތާމަތައް ދެމިގެންދާ ނިޢްމަތްތަކަށް ބަދަލުކުރައްވައި އާޅާއަށް ކުރިމަތިވި ހިތާމަތައް ހަނދާންނެތިދެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

« يُؤْتَى بِأَشَدِّ الْمُؤْمِنِينَ ضُرًّا وَبَلَاءً فَيُقَالُ اغْمِسُوهُ غَمْسَةً فِي الْجَنَّةِ فَيُغْمَسُ فِيهَا غَمْسَةً فَيُقَالُ لَهُ أَيْ فُلَانُ هَلْ أَصَابَكَ ضُرٌّ قَطُّ أَوْ بَلَاءٌ فَيَقُولُ مَا أَصَابَنِي قَطُّ ضُرٌّ وَلَا بَلَاءٌ»

މާނައީ : " ( ދުނިޔޭގައި) ގެއްލުމާއި ބާލާތައް އެންމެ ބޮޑުވި މުއުމިނު މީހާ ޤިޔާމަތްދުވަހު ގެނެވޭނެއެވެ. ފަހެ، ދެންނެވޭ ހުއްޓެވެ. ތިޔަބައިމީހުން އޭނާ ކުޑަހިނދުކޮޅަކަށް ސުވަރުގެއަށް ވައްދަވާށެވެ! ފަހެ، އޭނާ ކުޑަހިނދުކޮޅަކަށް ސުވަރުގެއަށް ވެއްދެވޭނެއެވެ. ފަހެ، އެމީހާއަށް ދެންނެވޭހުއްޓެވެ. ތިބާއަށް ދުވަހަކުވެސް ގެއްލުމެއް ނުވަތަ ބަލާއެއް ޖެހުނުހެއްޔެވެ؟ ފަހެ، އޭނާ ދަންނަވާނެތެވެ. ދުވަހަކުވެސް އަހަރެންނަކަށް ގެއްލުމެއް ނުވަތަ ބަލާއެއް ޖެހިފައެއް ނުވެއެވެ."

އަދި ހަމަކަށަވަރުން އަނިޔާވެރިވެ، ސިޙްރުވެރިންގެ ގާތަށްގޮސް، ތިބާއަށް ސިޙްރުޖެހުމުގެ ސަބަބަކަށް ވިމީހާއަށް ﷲގެ ޙަޟްރަތުން ސަލާމަތެއް ނުވާނެއެވެ. ފަހެ، ތިބާގެ ވެރި ރައްބު ހުރިހާކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވެއެވެ. ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.

وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ (23:17)

މާނައީ : " އަދި ޚަލްޤުތަކުންނާމެދު ޣާފިލުވެ ވޮޑިގެންވާ ކަލަކުކަމުގައި ތިމަންއިލާހު ނުވަމުއެވެ."

ސިޙްރު ޖެހިފައިވާމީހާއެވެ. އަދި ތިބާ އަނިޔާވެރިއެއްގެ ގޮތުގައިވާޙާލު ﷲއާ ބައްދަލުކުރުމަށްވުރެ ތިބާ އަނިޔާލިބިގެންވާ ޙާލު ﷲގެ ޙަޟްރަތާ ބައްދަލުކުރުން ހެޔޮކަންބޮޑުވެގެންވެއެވެ. ފަހެ، ތިބާ ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، އިސްތިޣްފާރުކުރުމާއި ދުޢާކުރުން ގިނަކުރާށެވެ. ފަހެ، ﷲގެ ޙަޟްރަތުންވާ ރައްކާތެރިކަން ގާތްވެގެންވެއެވެ. އަދި ތިބާ ﷲގެ ރަޙްމަތާމެދު ނާއުންމީދު ނުވާށެވެ. އަދި ސިޙްރުން ސަލާމާތްވުމަށްޓަކައި ހިފަންޖެހޭ ސަބަބުތައް ކަމުގައިވާ ދުޢާތަކާއި ހުއްދަ ފަރުވާކުރުމުގައި ފަސްނުޖެހޭށެވެ. އަދި ޝިރުކާއި އޭގެއަހުލުވެރިންނަށް އަމާންކަން ނުދޭށެވެ. ފަހެ، ޝައިޠާނާގެ ކެހިވެރިކަމަކީ ބަލިކަށިއެއްޗެކެވެ. އަދި މުއުމިނުންނަށް އެހީތެރިވެ، ނަޞްރުދެއްވާ ފަރާތަކީ ﷲއެވެ. އަދި ކާފަރުންނަށް އެހީތެރިވާނޭ ފަރާތެއް ނުވެއެވެ.

ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.

ذَ‌ٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ ﴿47:11﴾

މާނައީ : " އެއީ އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރުދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމުންނެވެ. އަދި، ކާފިރުވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ."

އަދި ހުސްޠާހިރުވަންތަ ﷲ އީ ބާރުގަދަކަމާއި ޖަބަރޫޠު ( އެހެން ތަކެތީގެ މައްޗަށް ގަދަވެގަތުމުގެ) ގެ ޞިފަފުޅުތަކުން ޞިފަލިބިވޮޑިގެންވާ އިލާހެވެ. އަދި އަނިޔާވެރިޔާ ތިބާޔާމެދުގައި ކޮންމެފަދަގޮތަކަށް ކަންތައް ކުރިނަމަވެސް، ފަހެ، ﷲ އެއަނިޔާވެރިޔާގެ މައްޗަށް ގަދަވެ ވޮޑިގެންވެއެވެ. އަދި ކުއްލިއަކަށް އޭނާގެ މައްޗަށް ( އަޛާބު ) އަތުވެއްޖައުމަށް ދާންދެން އޭނާއަށް ލަސްކުރައްވަތެވެ.

ހުސްޠާހިރުވަންތަ އިލާހު ވަޙީކުރެއްވިއެވެ.

وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ (14:42)

މާނައީ : " އަނިޔާވެރިން ކުރާ ކަންތައްތަކާމެދު، ﷲ ޣާފިލުވެ ވޮޑިގެންވާކަމަށް އިބަނަބިއްޔާ ހީފުޅު ނުކުރައްވާ ހުށިކަމެވެ!... "

Ad
df

އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.