ސިޙްރު ހެދުމަށްޓަކައި ސިޙްރުވެރިއެއްގެ ގާތަށް ހިގައްޖެމީހާ ފަހެ، އޭނާގެ ދީން އޭނާގެ ދުނިޔެއަށްޓަކައި ވިއްކައިލައިފިއެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއަށް ހުށަހަޅައިފިއެވެ. އެއީ ދީނުން ބޭރުވާކަމެއް ކުރުމުގެ ސަބަބުންނެވެ. އަދި އެއީ ސިޙްރާމެދުގައި ރުހުމެވެ.
ޝައިޚު މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ވިދާޅުވެފައިވެއެވެ. (( ފަހެ، އެކަން (އެބަހީ ސިޙްރު) ހަދައިފިމީހާ ނުވަތަ އެއާއިމެދު ރުހިއްޖެމީހާ ފަހެ، ކާފަރުވެއްޖެއެވެ.))
އެހެންމީހަކަށް ގެއްލުންދިނުމަށްޓަކައި ސިޙްރުވެރިން ގާތަށް ދާމީހާ ޙަސަދަވެރިކަމުގެ ނިހާޔަތަށް ފޯރައިފިކަން ކަށަވަރެވެ. އޭނާވަނީ ﷲ އެހެންމީހަކަށް ދެއްވާފައިވާ ނިޢްމަތަކަށް ޙަސަދަވެރިވެފައެވެ. އަދި އޭނާވަނީ އޭނާގެ ހަވާނަފްސަށް ތަބަޢަވެ، އޭނާގެ އާޚިރަތް ފަސާދަކޮށްފައެވެ. އަދި އޭނާވަނީ ﷲގެ ޤަޟާ ޤަދަރަށް ނުރުހުންތެރިވެފައެވެ.
ސިޙްރުވެރިން ކައިރިއަށްދާމީހާ ވަނީ އަނދިރިކަންބޮޑު ކުށަކަށް އަރައިގެންފައެވެ. އޭގައި ހެއްދެވިފަރާތަށް އުރެދުމާއި މަޚްލޫޤުންނަށް އަނިޔާވެރިވުންވެއެވެ.
އެހެންމީހުންނަށް ގެއްލުންދިނުމަށްޓަކައި ހިނގާ މީހަކަށް އެމީހެއްގެ ބޭނުން ޙާޞިލެއް ނުވާނޭކަން ކަށަވަރެވެ. ފަހެ، އަނިޔާލިބިގެންވާމީހާގެ ދަރަޖަ އަނިޔާވެރިޔާގެ މައްޗަށް ﷲ އުފުއްލަވާނެތެވެ. އަދި ސިޙްރުޖެހިފައިވާ މީހާއަށް އޭނާގެ އުންމީދުތައް ފަހަރެއްގައި ޙާޞިލުވެދާނެއެވެ.
ޝައިޚުލް އިސްލާމު رحمه الله ވިދާޅުވެފައިވެއެވެ:
(( ﷲ އެއިލާހުގެ އަޅާއަށް ދެއްވާ އެއިލާހުގެ ނިޢްމަތުގެ މައްޗަށް އޭނާ (އެބަހީ ޙަސަދަވެރިޔާ) ވާ ރުޅިވެރިކަމަކީ ބަލިމަޑުކަމެކެވެ. ފަހެ، ހަމަކަށަވަރުން އެނިޢުމަތް ޙަސަދަވެރިވެވޭ މީހާގެ މައްޗަށް އަތުވެދާނެއެވެ. އަދި ފަހަރުގައި އެއަށްވުރެ ބޮޑު ނިޢްމަތެއްވެސް އަތުވެދާނެއެވެ. އަދި ފަހަރެއްގައި އެޙަސަދަވެރިވެވޭ މީހާއަށް އެފަދަ އެހެން ނިޢްމަތެއް ޙާޞިލުވެދާނެއެވެ. ))
އޭ އަނިޔާވެރިޔާއެވެ. މަޑުޖެހިބަލާށެވެ. ތިބާގެ ސިޙްރުގެ ނުބައި ނިމުން ރައްދުވާނީ ހަމަތިބާއަށެވެ. އަދި ފަހަރުގައި ތިބާގެ މައްޗަށް ސިޙްރުހަދާނޭ މީހަކު ﷲ ތިބާގެމައްޗަށް ލައްވަފާނެތެވެ. ( ޅެންވެރިއަކު ބުނެފައިވެއެވެ. ) އަދި އެއްވެސް އަތެއް އެއަތެއްގެ މަތީގައި ﷲގެ އަތްޕުޅުނުވާ އަތެއް ނުވެއެވެ. އަދި އަނިޔާވެރިއެއް މެދުވެރިކުރައްވާ އިމުތިޙާން ނުކުރައްވާ އެއްވެސް އަނިޔާވެރިއަކު ނުވެއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ.
وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ (35:43)
މާނައީ " އަދި ނުބައި މަކަރުވެރި ރޭވުން އޭގެ އަހުލުވެރިންނަށް މެނުވީ ނުޖެހޭނެއެވެ."
އިބުނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. (( އޭގެ (އިސްވެދިޔަ އާޔަތުގެ) މާނައީ އެމަކަރުވެރިކަމުގެ ނުބައި ނިމުން އެބައިމީހުން ނޫން މީހުން ފިޔަވައި އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް އެނބުރި އައުން މެނުވީ ނުވެއެވެ.))
އަދި މުޙައްމަދު ބުން ކަޢުބު އަލް ޤުރަޟީ ވިދާޅުވެފައިވެއެވެ. (( ތިންކަމުން ކުރެ ކަމެއް ކޮށްފިމީހެއްގެ މައްޗަށް އެކަން ފާކުރެއްވުމަށްދާންދެން އެމީހަކު ސަލާމަތް ނުވާހުއްޓެވެ. މަކަރުހަދާ މީހާ ނުވަތަ ދޮގުހަދާ މީހާ ނުވަތަ ޢަހްދު އުވާލާމީހާއެވެ. އަދި އެކަންކަން ﷲގެ ފޮތުގައި ތެދުކުރައްވާފައިވެއެވެ.))
ސިޙްރުޖެހި އަނިޔާ ލިބިފައިވާ މީހާގެ ދުޢާގެ އަޑު ރޭގަނޑާއި ދުވާލު ތިބާގެ މައްޗަށް ވެއެވެ. އަދި ﷲ ވަނީ އަނިޔާ ލިބިފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާނޭކަމަށް ވަޢްދުވެ ވޮޑިގެންފައެވެ.
« ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ لَا شَكَّ فِيهِنَّ: دَعْوَةُ المَظْلُومِ، وَدَعْوَةُ المُسَافِرِ، وَدَعْوَةُ الوَالِدِ عَلَى وَلَدِهِ »
މާނައީ " އެއްވެސް ޝައްކެއްނެތި އިޖާބަކުރައްވާނޭ ތިންދުޢާއެއްވެއެވެ: ( އެތިންދުޢާއީ ) އަނިޔާ ލިބިގެންވާ މީހާކުރާދުޢާއާއި ދަތުރުވެރިޔާ ކުރާ ދުޢާއާއި ބައްޕައަކު ދަރިއެއްގެ މައްޗަށް ކުރާ ދުޢާއެވެ."
އަދި ތިބާއަށް ޚަލްޤުތަކުންނަށް މަކަރު ހެދުނުކަމުގައިވީ ނަމަވެސް ނެތުމުގެ ތެރެއިން އެންމެހާތަކެތި ހެއްދެވި ފަރާތަށް މަކަރުހެދުމުގައި ތިބާވަނީ އިންތިހާ ދަރަޖައަށް ނުކުޅުދުންތެރިވެގެންނެވެ. ހުސްޠާހިރުވަންތަ އިލާހު ވަޙީކުރައްވާފައިވެއެވެ.
قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ (10:21)
މާނައީ " އިބަނަބިއްޔާ ވިދާޅުވާށެވެ! އެއުރެންގެ މަކަރު ރައްދުކުރެއްވުމުގައި، ﷲ އަވަސްވެވޮޑިގަތުން ބޮޑެވެ."
ފަހެ، ކުށުން ބަރީއަވެގެންވާ މީހުންނަށް އަނިޔާވެރިވުމަށް ތިބާ ބިރުވެތިވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުން ދިފާޢުކުރާނޭ ބަޔަކު އެބައިމީހުންނަށް ވެއެވެ.
۞ إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ (22:38)
މާނައީ " ހަމަކަށަވަރުން ﷲ، އީމާންވީމީހުން ދިފާޢުކުރައްވަތެވެ."
އަދި އަނިޔާވެރިކަމުގެ ނިމުން ނުބައިވެގެންވެއެވެ. އަދި އޭގެ ޞާހިބު މީހާވަނީ ވަރުގަދަ އަޛާބަށް ހުށަހެޅޭނެ ކަމުގެ ވަޢީދަށް ހުށަހެޅިފައެވެ. ﷲ جل و علا ވަޙީކުރެއްވިއެވެ.
وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا (25:19)
މާނައީ " އަދި ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ ޢަޛާބުގެ ރަހަ، ތިމަންއިލާހު އެމީހަކަށް ދައްކަވާ ހުށީމެވެ."
ފަހެ، ތިބާގެ ދީނުން ބޭރުވެ ޝައިޠާނާއަށްވާ ޝިކާރައަކަށް ތިބާ ނުވާށެވެ. އަދި ދުނިޔޭގެ ކުރުކަމުގެ މަތިން ތިބާ ހަނދުމަކުރުން ހުއްޓެވެ. އަދި ހަމަކަށަވަރުން އަނދިރިވެގެންވާ ޤަބުރުގައި ތިބާއެކަނި އޮންނަންޖެހޭނެ ކަމުގެ މަތިން ހަނދުމަކުރުން ހުއްޓެވެ. އަދި ޢަދުލުވެރި ޙަކަމު ( ﷲތަޢާލާ )ގެ ކުރިފުޅުމަތީ ތިބާ ހުރެ، ތިބާގެ ސިޙްރުގެ ސަބަބުން ސިޙްރުޖެހުނު މީހާއަށް ލިބެންވާ ޖަޒާ ތިބާގެ ފަރާތުން އެއިލާހު ހިއްޕަވާނޭކަމުގެ މަތިން ތިބާ ހަނދުމަކުރުންހުއްޓެވެ.
ސިޙްރުވެރިން ގާތަށް ދާ މީހާއެވެ! ތިބާ ތައުބާ އިޢްލާން ކުރާށެވެ. އަދި ތިބާޔަށް މަގުތައް ބަންދުވުމުގެ ކުރިން ތިބާ ސިޙްރު ހަދާފައިވާ މީހުންނަށް ހަދާފައިވާ ސިޙްރު ޙައްލުކުރާށެވެ!!
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!