ފްރާންސްގައި ހައްޔަރުކޮށްފައިހުރި ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަން ފަނޑިޔާރުން ނިންމައިފިއެވެ.
ފްރާންސްގެ ފަނޑިޔާރަކު ޓެލެގްރާމްގެ ވެރިޔާ ޕަވެލް ޑުރޯވްގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފަށައިފައިވާއިރު، މި ތަޙުޤީޤަކީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ޖަރީމާތަކާ ގުޅޭ ތަޙުޤީޤެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެކަމަކު ބުދަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ނިންމެވި ނިންމެވުމުގައި، ކަފާލާތުގެ ދަށުން 5 މިލިއަން ޔޫރޯ ދެއްކުމުން ޑްރޯވް ދޫކޮށްލުމަށް ނިންމާފައިވެއެވެ. އަދި ހަފުތާއަކު ދެ ފަހަރު ފުލުހުންނަށް ރިޕޯޓު ކުރުމަށާއި ފްރާންސްގެ ސަރަހައްދުން ބޭރަށް ނުދިއުމަށްވެސް އަމުރުކޮށްފައިވެއެވެ.
ޕެރިސްގެ ޕްރޮސެކިއުޓަރ ލޯރާ ބެކުއޯ ވިދާޅުވި ގޮތުގައި، ޑުރޯވް އަށް ތުހުމަތު ކުރެވުނު ހުރިހާ ދަޢުވާއެއްގެ މައްޗަށް ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ނިންމަވާފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ޤާނޫނާ ޚިލާފު މުޢާމަލާތްތަކަށް މަގުފަހިކޮށްދިނުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދެއްކުމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ފްރޯޑް ހިންގުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން އޮތޯރިޓީތަކަށް މަޢުލޫމާތު ހިއްސާކުރުމަށް އިންކާރުކުރުމާއި، މަނީ ލޯންޑަރިންގ އަދި ކުށްވެރިންނަށް ކްރިޕްޓޯގްރަފިކް ޚިދުމަތް ފޯރުކޮށްދިނުމުގެ ތުހުމަތުވެސް ހިމެނެއެވެ.
ރަޝިއާގައި އުފަންވި ޑުރޯވް ހައްޔަރުކުރެވުނީ ހޮނިހިރު ދުވަހުގެ ރޭ ޕެރިސް ކައިރީގައިވާ ވައިގެ ބަނދަރަކުންނެވެ. މި މައްސަލައާ ގުޅިގެން ޓެކްނޮލޮޖީ ކުންފުނިތަކަށް އިންޒާރެއްގެ ގޮތުގައި ބެލެވޭ މި ހައްޔަރުކުރުމުން، ބަސްބުނުމުގެ މިނިވަންކަމާއި ޤާނޫނު ތަންފީޒުކުރުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ބަހުސްތަކެއް އުފެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!