ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެކަމަށާއި، ފެނަކައިގެ ހާލަތު ރަނގަޅުކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މީޑިއަމް-ލޯންގް ޓާމަށް ވިސްނައިގެންކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ އަކީ، އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 25 އޯގަސްޓް 2024 ގައެވެ.
މިއަދު އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވީ، ސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ގެނައުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަކަމަށެވެ. އަދި އެ މަރުހަލާ އެއްކޮށް ނިމޭނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ސިމާދު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ދެއްކެވި ވާހަކާގައި ވިދާޅުވީ، ފެނަކައާ އެސްޓީއޯއިން ހަވާލުވުމަށްފަހު އެ ކުންފުނި "ރައިޓް ސައިޒު" ކުރާނެއެވެ. މިގޮތުން އެ ކުންފުނީގެ ހަރަދުތައް ކުޑަކޮށް، އެންމެ ރަނގަޅު ސްޓްރަކްޗާއަކަށް އެ ކުންފުނީގެ ހިންގުން ބަދަލު ކުރާނެކަމަށް ސިމާދު ވިދާޅުވިއެވެ.
ސިމާދު ވިދާޅުވީ، ރައިޓް ސައިޒު ކުރުމުގައި މިހާރު ފެނަކައިގަ އެބަތިބި 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބުމުން އެކަމާ ވިސްނަންޖެހެއެވެ.
''އެއްފަހަރާ ގޮސް މުވައްޒަފުން ކަނޑާލާ ވާހަކައެއް ނޫން. ދެން އަޅުގަނޑުމެން ބަލާނަން މުވައްޒަފުންނަށް ރަނގަޅު އެހެން ގޮތްތައް ވޭތޯ،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ އެތެރެކުރާ އެންމެ ބޮޑު ކުންފުންޏަށްވެފައި، އެ ކުންފުންޏަކީ ގުޑްގަވަނަންސްގެ އުސޫލުތައް ހިފަހައްޓާ ކުންފުންޏަކަށްވުމުން، ދިގު ރާސްތާގައި ފެނަކައަކީ ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދޭނެ ކަމަށް ވެސް ސިމާދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!