ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމުގެ އަމިއްލަ ފިޔަވާ އެހެން އެއްވެސްކަމެއްނެތްކަން މިއަދު ރައްޔިތުންނަށް ވަޒަންކޮށްލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

Ad
rt

މި ބަސްދީގަތުމުގައި ދެއްކެވި ވާހަކާގައި އަބުދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީނުގެ އަރިހުގައި ކުރިން ''އޭނާއަށްވުރެ މޮޅު މީހަކު މިދުނިޔޭގައި ވެސް ނެތް'' ކަމަށެވެ. ނަމަވެސް މިއަދު އޭނާ ވެފައި ވަނީ ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރަން ބަޣާވާތްކުރަން އުޅުނު ޚިޔާނާތްތެރިއަކަށް ކަމަށެވެ.

''މިއަދު ކުއްލިއަކަށް އަޅުގަނޑަކީ ޚިޔާނާތްތެރިއެއް، ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރަން ބަޣާވާތްކުރަން އުޅުނު މީހަކަށް، އަޅުގަނޑު މިކަހަލަވާހަކަ ނުދައްކަން މިހާ ދުވަހު ހުރީ، އެކަމަކު އެ ލެވެލްއަށް ދިޔައީމަ އެބަޖެހޭ ރައްޔިތުންނަށް މި ވާނުވާ ކިޔައިދޭން، އެހެންވެ މިވާހަކަ މި ދެންނެވީ، މިއަދު އަޅުގަނޑެއް ކަމަކުނުދޭ އެއް ކަމެއް ކުރާކަށް ވެސް، އެކަމަކު އެއިރު އަޅުގަނޑަށްވުރެ މޮޅު މީހަކު މި ދުނިޔެއަކުނެތް،'' އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ، މިއަދު ޔާމީނަކީ ކޮންކަހަލަ މީހެއްކަން ވަޒަންކޮށްލަން އެނގޭނެކަމަށް އަބުދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

''އެހެންވީމަ ރައްޔިތުންނަށް ވަޒަންކޮށްލަން އެނގޭނެ ޔާމީނަކީ ކޮންކަހަލަ މީހެއްކަން، އަމިއްލަ އެދުން ފިޔަވައި އިތުރު އެއްވެސްކަމެއް ނެތްކަން، ވެރިކަމުގެ ދަހިވެތިކަންނޫން އެހެން އެއްވެސް ކަމެއް ނެތްކަން، ތިމާނޫން މީހަކީ އެއްވެސް މީހެއްނޫންކަމަށް ދެކިގެން، މި ނޫންތޯ އެ ދައްކަވާ ވާހަކައަކީ،'' އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ، ޔާމީން ވިދާޅުވާގޮތުގައި އެމަނިކުފާނަށް ނޫނީ އިގްތިސޯދެއްވެސް ނޭނގޭ ކަމަށާއި، އެމަނިކުފާނަށް ނޫނީ ޤައުމު ހިންގާކަށް ވެސް ނޭނގޭ ކަމަށެވެ.

އަބުދުއްރަހީމް ވަނީ ޔާމީން ވާހަކަފުޅު ދައްކަވާގޮތުން ވެސް އެމަނިކުފާނުގެ ކިބުރުވެރިކަމާއި ބޮޑާކަން އިނގިގެންދާކަމަށް ވިދާޅުވެފައެވެ. މިގޮތުން އަމިއްލަ ނަފުސަށް މުޚާތަބުކުރަށްވާއިރު ވެސް ''މިއީ ރައީސް ޔާމީނޭ'' ވިދާޅުވާ ކަމަށް އަބުދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

"ތިމާ އަމިއްލައަށް މި ވިދާޅުވަނީ މި ރައީސް ވިދާޅުވަނީ އޭ، ރައީސް ޔާމީން މި ވިދާޅުވަނީ އޭ.. މުއިއްޒު އެއީ ތަންދޮރު ނުދަންނަ މީހެކޭ، މި ދެ ޖުމްލައިން ވެސް ތިމާ ތިމާއަށް ނިސްބަތް ކުރާ ގޮތާއި މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ގޮތާ އަޅާކިޔާލީމާ ކިބިރުވެރިކަމާއި ބޮޑާކަން ހުރި މިންވަރު ފެނިގެން ދާނެ." އަބްދުއްރަހީމް ވިދާޅުވެފަވެއެވެ.