އާސެނަލްއަށާއި ޔުވެންޓަސްއަށް ކުޅުނު ޕޮލެންޑްގެ ގޯލްކީޕަރ ސެޒްނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އޭނާ ވަނީ މި މަހުގެ ކުރީކޮޅު ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. ސައުދީ ލީގުގެ އަލް ނަސްރުން އޭނާއަށް ޝައުގުވެރިކަން ވެސް ފާޅުކުރި ނަމަވެސް އިތުރު ފުޓްބޯޅަ ކުޅުން ކުރިއަށް ނުގެންދަން ނިންމައި އޭނާ މިވަނީ ރިޓަޔަރ ކޮށްފައެވެ. ރިޓަޔަރ ކުރިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ.
ސެޒްނީއަކީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައި އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ އާސެނަލްއަށް 181 މެޗު ކުޅެފައެވެ. އެ ޓީމާއިއެކު ދެފަހަރު އެފްއޭކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއެވެ. އެއީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުއެވެ.
2017 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލުވުމުގެ ކުރިން ދެ އަހަރު ދުވަހު ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ރޯމާއަށް ވެސް އޭނާ ވަނީ ކުޅެފައެވެ.
ޔުވެންޓަސްއަށް ބަދަލުވެ އޭނާ ވަނީ އެ ޓީމާއިއެކު ޖުމްލަ އަށް ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭގެތެރޭގައި އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބު ކުރުން ހިމެނެއެވެ. އޭނާގެ ކެރިއާގައި ޖުމްލަ 11 ތައްޓެއް ވަނީ ކާމިޔާބު ކޮށްފައެވެ.
ބައިނަލްއަގުވާމީ 7 މުބާރާތެއްގައި ޕޮލެންޑް ގޯލު ބެލެހެއްޓި ސެޒްނީވަނީ، ގައުމީ ޓީމަށް 84 މެޗު ކުޅެދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!