ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މިރޭ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އަދި ޕީޖީގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

Ad
rt

ޝަމީމް މަޤާމުން އިސްތިއުފާދެއްވާފައި މި ވަނީ، ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން މިރެއަށް ވެސް ޖަލްސާއެއް އޮތީ ތާވަލުކޮށް، ޖަލްސާ ފަށާފައި ވަނިކޮށެވެ.

ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.

އަށް ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި މައްސަލައާއިގުޅޭ މަޖިލީހުގެ ގަވާއިދު ބުނާ އިޖުރާއަތްތައް ހިންގުމަށްފަހު، ޖަވާބުދާރީ ވުމަށް މިއަދު ޝަމީމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ފުރުސަތު ދީފައެވެ. އަދި އެ ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ.

ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން ހުށަހަޅައިފި

ޝަމީމް މިއަދު މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީއަށް ހާޒިރުކުރިފަހުން ވަނީ ނޫސްވެރިންނާއި ބައްދަލުކުރަށްވާފައެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ޖަވާބުދީ ބާވެފައިވާ ކަންތައްތަކެއްކަމަށެވެ. އަދި ''އެ ޒާތުގެ ޙަޤީޤަތާ ޚިލާފު ތުހުމަތު ނުކުރައްވައި، މަޤާމުން އިސްތިއުފާދޭން ވިދާޅުވިނަމަ، މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް'' ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 8 ޑިސެމްބަރު 2019 ގައެވެ.