ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
ޝާމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ފޮނުއްވި ސިޓީ މިއަދު އޮތް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ އިއްވާފައެވެ.
އެއީ ޝަމީމް ޢަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވަންޖެހޭ ގޮތަކަށް ނޫން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މިގޮތުން މި ސިޓީގައި ވަނީ ޕީޖީކަމުން ޝަމީމް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، މައިގަނޑު އަށް ކަމެއް ފާހަގަކުރައްވާފައެވެ.
އެކަންކަމުގެ ތެރޭގައި ހިމެނެނީ، ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުމެވެ.
މީގެ އިތުރުން ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުމާއި، ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން ހިމެނެއެވެ.
ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 8 ޑިސެމްބަރު 2019 ގައެވެ. ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވާސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ގެ ދާއިރާއިން ބެޗްލާ ޑިގްރީ ހާސިލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!