ފަންގި ގަންނަން އަންނަ ދޯނި ހެނދުނު 09:15 ގައި ހަނިމާދޫ ބަނދަރައް ވަންނާނެ ކަމަށް، ރަށު ކޮމިއުނިޓީ ވައިބާ ގުރޫޕެއްގައި ޖަހާފައި އޮތްތަން ފެނުމުން، މިކަން ހިނގާ ނުހިނގާ ގޮތް ބަލައިލާން ހިތުލައިގެން އެތަނަށް ނުކުތީ، މި މަސައްކަތަކީ ވެސް ރަށުގެ ގިނަބަޔަކު އާމްދަނީ ހޯދަން ކޮށްއުޅޭ މުހިންމު މަސައްކަތެއްކަން އިހުސާސްވާތީއެވެ. އަދި މި މަސައްކަތްކުރާ މީހަކާއި އެތަނުން ބައްދަލުކޮށް ވާހަކަ ދައްކާލައި މަންޒަރު ހަމަލޮލުން ދެކިލާށެވެ.

ދޯނި ބަނދަރު ކުރާނެކަމަށް ބުނެފައިވާ ގަޑިއަށްވުރެ ބައި ގަޑިއެއްހާއިރު ފަހުން ބަނދަރަށް ދެވުނުއިރު، ދޯންޏަށް އަރުވަން ތައްޔާރުކޮށްފައި ހުރި ފަން ބޮނޑިތައް ކޮންމެވެސް ވަރަކަށް ބަނދަރުމަތީ ބަހައްޓާފައި ހުއްޓެވެ. ގުނަމުން ދޯންޏަށް ފަން އެރުވުމުގެ މަސައްކަތް ފަޅުވެރިން ކުރަމުންދިޔައިރު ރަށުޕިކަޕުގައި އެއްބަޔަކުއު އައިސް އެ ސަރަހައްދަށް ފަން ބާލަނީއެވެ. އޭރު ބަރޮލަށް ފަން ބަރުކޮށްގެން އެއްބަޔަކު ދޯންޏާއި ދިމާއަށް އަންނާތީ ވެސް ފެނެއެވެ. ރަށުޕިކަޕަކަށް ފަހު ޕިކަޕެއް ފަން ބަރުކޮށްގެން ދޯނިކައިރިއަށް، ކައިރި ކުރަމުންދިޔައިރު، ޕިކަޕްތަކުގެ ހަރަކާތްތައް ވެސް އަވަހެވެ. ބަލައިލާފާ ހީވަނީ އިތުރު ފަން ދަތުރުތައް ކުރިއަށް އޮތީހެންނެވެ.

Ad
rt

ފަންގި ވިނދެ ވިއްކައިގެން އޭގެން އާމްދަނީ ހޯދުމަކީ އަތޮޅުތެރޭ އެހެނިހެން ރަށްތަކެކޭ އެއްގޮތަށް ހަނިމާދޫގައި ވެސް ކުރަމުން އަންނަ ޒަމާންވީ މަސައްކަތެކެވެ. މައިގަނޑު ގޮތެއްގައި އަނެހެނުން ހަރަކާތްތެރިވާ މި މަސައްކަތުގައި މަދުމަދުން ފިރިހެނުން ބައިވެރިވެ އުޅޭތީ ފެނެއެވެ.

ރިސޯޓްތަކަށް ބޭނުންވާ ފަން ގަންނަ ދޯނިތައް މި އަތޮޅުތެރެއަށް އައިސް ފަންގަންނަތާ މިހާރު އަހަރުތަކެއް ފާއިތުވެފައިވާއިރު، މި މަސައްކަތުގައި މެދުނުކެނޑި ދެމިތިބި މީހުން މިއަދު ވެސް މި ރަށުގައި އެބަތިއްބެވެ.

ލިބޭ ހުސް ވަގުތުގައި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރުމުގެ ގޮތުން ފަންވިނުމުގެ މަސައްކަތް ކުރަމުން އަންނަ މަރިޔަމް ސަކީނާ ބުނީ އޭނާ މި މަސައްކަތްކުރާތާ އަހަރުތަކެއް ފާއިތުވެފައިވާ ކަމަށާއި، އެންމެ ފުރަތަމަ މި މަސައްކަތްކުރި އިރު ފަންބޮނޑިއެއް ވިއްކާ އުޅުނީ 35 ރުފިޔާ، ނުވަތަ 40 ރުފިޔާއަށް ކަމަށެވެ. އެ ދުވަސްވަރު އިތުރަށް ސިފަކޮށްދެމުން އޭނާ ބުނީ އޭރުވެސް ފަން ވިނުމުގެ މަސައްކަތް ކުރާ ގިނަބަޔަކު ރަށުގައި އުޅުނު ކަމަށާއި، ނަމަވެސް އޭރު ފަންގި ވިނުމަށް ބޭނުންވާ ފަން ރަށުން ހޯދުމުގައި އެއްވެސް ގޮންޖެހުމެއް ނެތްކަމަށެވެ.

ހަނިމާދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ވައު ބޮޑު ރުއް ގިނަ ރަށެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭ ރަށުގައި ހިންގުނު ތަރައްގީގެ ބައެއް ޕްރޮޖެކްޓްތަކާއި ގުޅިގެން ވަނީ ވަރަށް ގިނަ އަދަދެއްގެ ރުއް ކަނޑާފައެވެ. ނިމިދިޔަ އަހަރު ރަށުން ދޫކުރި 200 ގެވަޅުގެ ތެރެއިން ގިނަ ގެވަޅުތައް ދޫކޮށްފައިވަނީ ރަށުގެ އެންމެ ބޮޑު ރުއްގަނޑު އޮތް ސަރަހައްދަށް ވުމުން އެތަނަތަން އަލިކުރުމަށް ވަނީ އެތައް ސަތޭކަ ރުކެއް ކަނޑާފައެވެ.

މަރިޔަމް ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ފަންގި ވިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތަށް ބޭނުންވާ ފަން ރަށުން ހޯދަން އުނދަގޫވުމެވެ. ކުރިއާއި ހިލާފަށް މިހާރު ފަން ބޮނޑިއެއް ވިއްކާ އަގަކީ، ބޮނޑިއެއް 100 ރުފިޔާއެވެ. އަގު ރަނގަޅުވުމުން މަސައްކަތްކުރާ މީހުން އިތުރުވެ، ރަށުގައި ރުއް މަދުވުމަކީ ފަން ލިބުމަށް އޮތް ގޮންޖެހުމަކަށް ވަނީ ވެފައެވެ.

އޭނާ އިތުރަށް ބުނީ މިހާރު ރަށުން ފަންލިބުން ދަތިވެ، ކައިރި ރަށްރަށުން ގަނެގެން ވެސް ފަންގި ވިނުމަށް ބޭނުންވާ ފަން/ފަންވަތް، ގެންނަ ކަމަށެވެ. މިގޮތުން ފުއް ހުސްކުރި ބޮޑު ގޯންޏެއްގެ ފަން 100 ރުފިޔާއަށް ނޮޅިވަރަމުން ގަނެގެން ގެނެސް މި މަސައްކަތުގައި މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށާއި، އޭގެން ގޯންޏެއްގެ ފަނުން ދިހަވަރަކަށް ބޮނޑި ފަންގި ވިނދެވޭކަމަށެވެ.

އާންމުކޮށް ދެ ހަފްތާތެރޭ 20 ބޮނޑި ފަން ވިންނަ މަރިޔަމް ބުނީ އަދަދު ބިނާވަނި ލިބޭ ހުސް ވަގުތުގެ މައްޗަށް ކަމަށެވެ. ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން އެއަށް ވުރެ އަދަދު ގިނަވާ ފަހަރާއި މަދުވާ ފަހަރު ވެސް ދާކަމަށެވެ.

އޭނާ ފާހަގަކުރާ ގޮތުގައި މިއީ ލިބޭ ހުސްވަގުތުގައި އާމްދަނީ ހޯދަން ކުރަން މިހާރު ވަރަށް ރަނގަޅު މަސައްކަތެކެވެ. ސަބަބަކީ މިހާރު ވިއްކޭ އަގު ބޮޑުތަނުން ރަނގަޅުވުމެވެ.

މި މަސައްކަތްކުރާ ފަރާތްތަކަށް ދެން އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވިއްކާ ފަނަށް ވަގުތުން ފައިސާ ލިބުމެވެ. ކިތަންމެ ބައިވަރު ފަނެއް ވިނުނަސް އެ ވިކޭނެކަމާއިމެދު އޮތް ޔަގީންކަމަވެ. ނުވިކިފައި ތިބެން ނުޖެހުމެވެ.

މަހަކު ދެފަހަރު ދިއްދޫ މާހޯރަ ދޯނި ހަނިމާދޫއަށް ފަންގަންނަ އަންނައިރު، އަންނަ ކޮންމެ ފަހަރަކު އެވުރެޖްކޮށް 500 އަށް ވުރެ ގިނަ ބޮނޑި ފަން ގަނެއެވެ. ދަތުރަކަށް ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ރަށަށް ވަންނައިރު، ދެ ދަތުރުގެ މައްޗަށް މަހަކު ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަދެއެވެ. އަހަރަކަށް ބަލާނަމަ ހަމައެކަނި ފަންގި ވިނދެގެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަނިމާދޫއަށް ވަދެއެވެ. މި ފައިސާއަކީ ގިނަ އާއިލާތަކެއްގެ މައްޗަށް ބެހިގެންދާ ފައިސާއަށް ވުމުން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީއަކަށް ވެއެވެ. ލިބޭ ހުސްވަގުތުގައި މިފަދަ މަސައްކަތެއް ކޮށްލައިގެން ވެސް ދިރިއުޅުން ފުދުންތެރި ކުރެވިދާނެއެވެ.