ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނާ ބެހޭ މައުރަޒެއް އެޅުމަށް ގަސްދުކުރައްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.

ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގަައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަަށެވެ.

Ad
rt

"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ވެސް ހަގީގަތަކަށް ހަދާނަން،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުރްއާން އުނގަންނައި ދިނުމަށް، ގުރްއާނަށް ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިގޮތުން މި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކާ އެއް ގޮތަށް އެ ފުޅާ މިނުގައި ގުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިއުމަށް ކީރިތި ގުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި "ދާރުއްސަލާމް" އަދި "ދާރުލްއަރްގަމް" ނަމުގައި ވަގްފު ދެ އިމާރާތް އެޅުމަށް ނިންމަވައި އެކަން ވެސް އިއުލާން ކުރެއްވިއެވެ.

"ދާރުލްއީމާން" ނަމުގައި މިހާރު ވެސް މާލޭގައި ވަގްފު އިމާރާތެއް ހުރެއެވެ. ރަސްފަންނު ކައިރީގައި ހުންނަ އެ އިމާރާތަކީ އޮފީސްތަކެއް ހިންގަމުން ގެންދާ ތަނެކެވެ.

ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތަކަށް އަންނަ އަހަރުން ފެށިގެން ވެގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.