ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައެވެ.
މި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ހަދިޔާކުރީ 54 ކާރާއި ހަތަރު ވޭންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާން ސަފީރު ވަނީ މި އެހީތެރިކަމާއެކު ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށާއި، އޭގެ ތެރޭގައި މެޓަލް ޑިޓެކްޓަރ، ލޭސަރަރ، ޕެސެންޖަރ ކްރާފްޓު އަދި ރަބަރ ބޯޓު ފަދަ ތަކެތި ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ. އެތަކެތީގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.
ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ޖަޕާނުން އަންނަނީ ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން ރާއްޖެއަށް ބޮޑެތި ހިލޭ އެހީތައް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!