މުއުމިނުންނަށް ތުހުމަތު ކުރުމުންނާއި، އެބައިމީހުންނާ މެދު ކުށްހީކުރުމުން ތިޔަބައިމީހުން ދުރުހެލިވާށެވެ. ގިނަ ހީ ކަމަށް ވަޙީކުރައްވާފައިވަނީ މުއުމިނުން ހުރިހާ ހީތަކުންވެސް ރައްކާތެރިވުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. ފަހެ، ތުހުމަތު ކުރުމަށް އަވަސްވެނުގަންނާށެވެ. އަދި ރަނގަޅަށް ބަލައި ޙަޤީޤަތް ހޯދާށެވެ. އެހެނީ، ބައެއް ކުށް ހީތައް އެއީ ކުށެކެވެ. އަދި މާތް ﷲގެ ޙަޟްރަތުގައި ބޮޑު ފާފައެކެވެ.

ޙަދީޘުގައި އައިސްފައި ވެއެވެ. عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ .... وَلاَ تَجَسَّسُوا، وَلاَ تَحَاسَدُوا، .... وَلاَ تَبَاغَضُوا......" (صحيح البخاري، كتاب الأدب، بَابُ مَا يُنْهَى عَنِ التَّحَاسُدِ وَالتَّدَابُرِ)

Ad
d

(އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުން ހީއާމެދު ރައްކާތެރިވެ ތިބޭށެވެ. ހަމަކަށަވަރުން ބައެއް ހީތަކަކީ ފާފައެވެ. ފަހެ ހީއަކީ އެންމެ ދޮގުވެރި ވާހަކައެވެ....... އަދި ތިޔަބައިމީހުން ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރި ނުވާށެވެ....... އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިނުވާށެވެ........) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 6064)

ޢުމަރު رضي االله عنه ވިދާޅުވިއެވެ. ތިބާގެ މުއުމިން އަޚާގެ ފަރާތުން ބޭރުވި ބަހަކާމެދު ހެޔޮކޮށް މެނުވީ ހީނުކުރާށެވެ. އަދި އެބަހުގެ ހެޔޮ މާނައެއް ނެގޭނެ އެއްވެސް ގޮތެއް ފެންނަންޏާ، އެއިން ނުބައި މާނައެއް ނުނަގާށެވެ. އަދި ތިޔަބައިމީހުން މުސްލިމުންގެ ފޮރުވިފައިވާ ކަންކަން ހޯދަން ނުއުޅޭށެވެ. އަދި އެބައިމީހުންގެ ކުށް ހޯދަން ނުއުޅޭށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ނެތިނުބައި ނުކިޔާށެވެ. ތިޔަބައިމީހުން ކުރެ އެކަކުވެސް އޭނާގެ މަރުވެފައިވާ މުސްލިމް އަޚާގެ މުޅަމަސް ކެއުމަށް ލޯބިކުރާނެހެއްޔެވެ؟

އެހެންކަމުން ތިޔަބައިމީހުންގެ އަޚާގެ މުޅަމަސް ކެއުމަށް ތިޔަބައިމީހުން ނުރުހޭ ފަދައިން އޭނާގެ ޣީބަ ބުނުމަށްވެސް ތިޔަބައިމީހުން ނުރުހޭށެވެ. އަދި މާތް ﷲގެ ޢުޤޫބާތަށް ބިރުވެތިވެ، އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވާށެވެ. ފަހެ، އެކަލާނގެއީ ތަނަވަސް ރަޙްމަތުގެވެރި، ތައުބާވެ ރުޖޫޢަވާ މީހުންނަށް ގިނަގިނައިން ތައުބާލައްވާ ރަސްކަލާނގެއެވެ.

Ad
df

ޣީބަބުނުމުގެ ހުތުރުކަމަށާއި، އެކަމުގެ ނުބައިކަން ބޮޑުކަމަށް ޤުރްއާނުގައި ޖައްސަވާފައި މިވަނީ ވަރަށް ފުރިހަމަ ބިރުވެރި މިސާލެކެވެ. އެ ބިރުވެރި މިސާލު އަހަރުމެން ތަސައްވަރުކޮށްލަމާ ހިނގާށެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު ކައިރީގައި އިށީނދެގެން އިން މީހެކެވެ. އޭނާ އެހަށިގަނޑުގެ މަސް ނޮޅައިގެން ރޮލާ ކަނީއެވެ. އަނެއްކޮޅުން މަރުފައި އޮތީ އިންސާނަކަށް ވީތީ އޭނާގެ އަޚެކެވެ. ޙަޤީޤަތުގައި ބިރުވެރިކަން އޭގެ އެންމެ ނުބައި ގޮތުގައި ފެނިގެންދާ، އިންސާނީ ނަފުސު ފަކުރު ގަންނަ މިސާލެކެވެ. އޭގެ ޚުލާޞާއަކީ މިއީއެވެ. އެއީ އިންސާނެއްގެ މަހެވެ. ފިހެފައިވާ ކަންބަޅިއެއްގެ މަހެއް ނޫނެވެ. އެމީހެއްގެ މަސް އޭނާ އެ ކާ މީހާއަކީ އޭނާގެ މުސްލިމް އަޚާއެވެ. އެނާ އެ ކާ މަހަކީ ރޯނުފިލުވާ ހުރި މުޅަމަހެވެ. ހާދަހާ ހުތުރުކަން ބޮޑު ނުބައި ޢަމަލެއްގެ މިސާލެކެވެ. ޣީބަބުނާ މީހުންގެ ކަރު ބުރިކޮށްލާވަރުގެ ބިރުވެރިކަން ބޮޑު މިސާލެކެވެ.

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ﴿١٢﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. (49:12)