ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދައިފިއެވެ.
މިރޭ ޖަރުމަނުގެ ބާލިން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މި ކާމިޔާބާއިއެކު ސްޕެއިން ވެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށެވެ. މި މުބާރާތް ސްޕެއިނުން ހަތަރު ފަހަރު މިވަނީ ކާމިޔާބު ކޮށްފައެވެ. ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނުންނެވެ. ޖަރުމަނުން ވަނީ ތިންފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސްޕެއިންގެ ރޮޑްރީ ހޮވުނުއިރު، ޔަންގް ޕްލޭއާ އޮފް ދި ޓޯނަމަންޓްއަށް ހޮވުނީ ސްޕެއިން ޓީމުގެ އުމުރުން 17 އަހަރުގެ ލަމީން ޔަމާލްއެވެ. އޭނާ ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މިއީ ޔޫރޯގެ ފައިނަލުގައި އިންގްލެންޑުން ވިދިވިދިގެން ބަލިވި ދެވަނަ ފައިނަލެވެ. މީގެ ކުރިން 2021 ގައި ބޭއްވި 2020 ގެ ޔޫރޯގެ ފައިނަލުގައި އިންގްލެންޑް އަމިއްލަ ދަނޑުގައި ކުޅެ ބަލިވީ އިޓަލީ އަތުންނެވެ.
މިރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވެއެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސްޕެއިންއެވެ. މި ލަނޑު ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވިލިއަމްސްއެވެ. އިންގްލެންޑުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 73 ވަނަ މިނެޓުގައެވެ. ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ކޯލް ޕާމާއެވެ. ސްޕެއިން މެޗުން މޮޅުވިލަނޑު 86 ވަނަ މިނެޓުގައި ޖެހީ އޮޔާޒަބަލްއެވެ.
ސްޕެއިނުން ޔޫރޯގެ ތަށި މި އުފުލާލީ 12 އަހަރަށް ފަހުއެވެ. އެ ޓީމުން މީގެ ކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ، 1964، 2008، 2012 އަދި 2024 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!