މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ޒުވާނަކާއި 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ.
މި ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ޖުލައި ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
އަނިޔާ ލިބުނު މީހާއަކީ ކުށުގެ ތުހުމަތުވާ ތިން މީހުންނާ އެކު އެއް ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އެއް އިނގިލި ވަނީ ބުރިކޮށްލައިފައެވެ.
ކޯޓުގައި ތިން މީހުން ބުނެފައިވަނީ އެމީހާ ރަހީނު ނުކުރާ ކަމަށާއި ގަސްތުގައި އަނިޔާ ވެސް ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ އިނގިލި ބުރިވެފައިވަނީ ޕަވާޓޫލެއް ބޭނުން ކުރަނިކޮށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ކޯޓު އަމުރުގައިވާ ގޮތުން އަނިޔާ ލިބުނު މީހާއަށް ގަސްތުގައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަން ފުލުހުން ހުށަހެޅި ފޮޓޯތަކުން ސާފުވެއެވެ.
މި މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!