ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި ކޮންމެ މީހަކު ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިލްތިމާސް ކުރަށްވައިފިއެވެ.
ވަޒީރު މި އިލްތިމާސް ކުރަށްވާފައި ވަނީ ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި އިއްޔެ ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޠާރިޤު ދެއްކެވި ވާހަކާގައި ވަނީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ޤައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ވިދާޅުވެފައެވެ. އަދި "ގޯ ގްރީން" މަޝްރޫޢަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބާރުއަޅާނެ ފުރިހަމަ ޕްރޮގްރާމެއް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ތޯރިގް ވާހަކާގައި ވަނީ، ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ގޮވައިލަށްވާފައެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ގޯ ގްރީން" އިވެންޓަކީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތުގެ ދަށުން 1000 ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ ވަޒީރު ޠާރިޤު އެވެ. މި ރަސްމިއްޔާތުގައި 350 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ. މި ޕްރޮގްރާމަކީ ކްލީން މޯލްޑިވްސް އިން ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!