މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 6 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި، މާލޭގެ ދެ އެޕާޓްމަންޓަކާއި ފިހާރައަކާއި ގުދަނެއްގެ އިތުރުން ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒުގެ އަށް ކޮތަޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

Ad
rt

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާ އަދި 46 އަހަރުގެ މީހެއްގެ އިތުރުން 54 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 46 އަހަރުގެ މީހާ ހަތް ދުވަހަށް، އަދި ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަޙްޤީޤުކުރަމުންނެވެ.