މޯލްޑިވިއަންގެ އެއާބަސް A320 މަރުކާގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ދަތުރުތައް ފަށަން ތައްޔަރުވެއްޖެއެވެ.
މި ބޯޓަށް މައްސަލަ ދިމާވެފައި ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާއަށް ދަތުރުފެށިތަނާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބޯޓް އަނބުރާ ވީއައިއޭގައި ވަނީ ޖައްސާފައެވެ.
މޯލްޑިވިއަންއިން ބުނީ އެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަން މެލޭޝިއާއަށް ގެންދިޔުމުން، އެ ގައުމުގެ ސެޕަން އެއާކްރާފްޓް އިންޖިނިއަރިންއިން މެއިންޓަނަންސް އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
ބޯޓަށް ދިމާވި މައްސަލައާއި ގުޅިގެން އިއްޔެ ޑާކާއަށް ކުރަން އޮތްދަތުރު ކެންސަލް ކުރަން ޖެހުނެވެ. ބޯޓުގެ ފުރަތަމަ ދަތުރު މިރޭ 21:00 ގައި ބަންގްލަދޭޝްގެ ޑާކާ އަށް ކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައާއި ގުޅިގެން އެ ބޯޓުން އިންޑިއާއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފާރާތްތަކަށް ދަތިތަކާއި ކުރިމަތިވިއެވެ. ނަމަވެސް މޯލްޑިވިއަން އިން ވަނީ އެ ފަސިންޖަރުންގެ އިންތިޒާމްތައް ހަމަޖައްސައި ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!