މަގާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި އިހުމާލުވަމުންދާ ކަމަށްބުނެ، ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން، އެ މަގާމުން ވަކިކުރަން ހުށަހަޅައިފިއެވެ.
ހދ.އަތޮޅު ކައުންސިލުގެ ރައީސްއަކީ މުހައްމަދު ސިރާޖުއެވެ. ރައީސް ޗުއްޓީއަށް ވަޑައިގަތުމުން އަތޮޅު ކައުންސިލް ހިންގުމުގެ ޒިންމާ ނަންގަވާ އެންމެ އިސްފަރާތަކީ ނައިބް ރައީސް އަބްދުއްސައްތާރު ހަސަންއެވެ. އޭނާއަކީ ހަނިމާދޫ ކައުންސިލްގެ ރައީސް އެވެ.
ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށްބުނެ މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ.
ސައްތާރު (ކ) ހދ. އަތޮޅު ކައުންސިލް ބައްދަލުވުމެއްގައި، ފޮޓޯ: އަތޮޅު ކައުންސިލް
މިއަދު ހެނދުނު އެ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި މި މައްސަލަ ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން މުހައްމަދު ވަހީދު އިތުރަށް ވިދާޅުވީ ނައިބް ރައީސް ރަސްމީކޮށް އަތޮޅު ކައުންސިލަށް ވަޑައިގެން މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވަމުން ނުގެންދަވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލާއި ޕްލޭނުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި ބޮޑުތަނުން އިހުމާލުވަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް އެ މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށް ވަނީ ފާސްކޮށްފައެވެ.
ޖުމްލަ 11 މެމްބަރުން ބައިވެރިވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުހައްމަދެވެ. ސަލާމުގައި ތިއްބެވުމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސްއާއި ކުރިނބީ ކައުންސިލްގެ ރައީސް މި ބައްދަލުވުމުގައި ބައިވެރިވެފައި ނުވެއެވެ.
ހދ. އަތޮޅު ކައުންސިލްގެ ބޮޑު މެޖޯރިޓީ ތަމްސީލްކުރަނީ ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ. ނައިބު ރައީސް ސައްތާރަކީ އިދިކޮޅު އެމްޑީޕީގެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!