އެމްއެންޑީއެފުން ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފުން ގޮއިދޫގައި ހިންގި ކޯސްތަކުގެ ބައިވެރިންނާއި މުދައްރިބުން، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ގޮއިދޫގައި ހިންގި ކޯސްތަކުގެ ބައިވެރިންނާއި މުދައްރިބުން، ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ށ. ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ގޮއިދޫގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އެ ރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ފެނަކާގެ މުވައްޒަފުން ހިމެނޭހެން އެ ރަށުގެ 41 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

ފަޔަރ އެވެއާނެސް ކުލާހުގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މެރިޓައިމް ސޭފްޓީ ކުލާހުގައި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުން ރައްކާތެރިވުމާއި އެފަދަ ހާދިސާތައް ދިމާވަން މެދުވެރިވާ ސަބަބުތަކާއި ކަނޑުމަތީގައި ސަމާލުވާންވީ ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސެއިލަރުންނެވެ.

އެމްއެންޑީއެފުން އަންނަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިފަދަ ހޭލުންތެރިކުރުވުމުގެ ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި