ކްލެމެންސީ ބޯޑަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ޝުޖާޢު

Ibrahim Shujau

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން މިއަދު ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑަށް މަޖިލީހުގެ މެންބަރަކު ޢައްޔަނުކުރުމުގެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.

އެ ބޯޑަށް މެންބަރުންގެ ނަން ހުށަހަޅަން ފުރުސަތު ހުޅުވާލުމުން ޝުޖާޢުގެ ނަން ހުށަހަޅާފައި ވަނީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.

އެ ފުރުސަތުގެ ދަށުން އިތުރު ނަމެއް މަޖިލީހުގެ ތަޅުމަށް ހުށައެއް ނާޅައެވެ. ސުޖާޢުގެ ނަން ފާސްކުރާނީ މިއަދުގެ ވޯޓުގެ ގަޑީގައި ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.

މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ކްލެމެންސީ ބޯޑު އެކުލެވިގެން ވަނީ އެޓަރނީ ޖެނެރަލާއެކު ޖުމްލަ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ. އެއީ ގާނޫނީ ދާއިރާގެ މީހަކު، ތައުލީމީ ދާއިރާގެ މީހަކު، އިޖްތިމާއީ ދާއިރާގެ މީހަކު، ސިއްހީ ދާއިރާގެ މީހަކު، ދީނީ އިލްމުގެ މީހަކު، މަދަނީ ޖަމްއިއްޔާއެއްގެ މީހަކު، ޕެރޯލް ބޯޑުގެ މީހަކު، ފުލުހުންގެ ދާއިރާގެ މީހަކު، ޝަރުއީ ދާއިރާގެ މީހަކު އަދި ރައްޔިތުންގެ މަޖިލީހުން، އެމަޖިލީހުގެ މެންބަރުން އައްޔަންކުރާ މެންބަރަކު އެވެ. މި ބޯޑަށް މެންބަރު ޢައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އެ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ބޯޑެކެވެ.

މަގާމުގެ ހައިސިއްޔަތުން ކްލެމެންސީ ބޯޑަށް އައްޔަންކުރެވޭ މެންބަރުން ފިޔަވައި، އެ ބޯޑަށް އައްޔަނުކުރެވޭ ކޮންމެ މެންބަރަކުމެ، އެމަގާމުގައި ދެމިހުންނާނީ އެމެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި