މާލޭގެ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ، މާލޭގެ މެދުޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރިން ސައިކަލް ޕާކިން ޒޯނެއްގައި ހުރި ސައިކަލް ތަކެއްގައި އަލިފާން ރޯކޮށްލައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ 3:03 ހާއިރު އެވެ.

Ad
rt

ފުލުހުން ބުނީ، އަލިފާން ރޯކޮށްލުމުގެ ސަބަބުން ޖުމްލަ ހަތް ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ ސައިކަލުތަކުގައި އަލިފާން ރޯކޮށްލި މީހާ ވަނީ ދެނެގަނެވިފައެވެ. އަދި އެމީހާ ހައްޔަރުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ. އަދި މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައިކަލުތަކުގައި ރޯކޮށްލާފައި، ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ރައްޔިތުންގެ މަޖިލިސްގޭ ކުރިމަތީގައި މެދުޒިޔާރަތް މަގަށް ވާގޮތަށް އޮންނަ ޕާކިންގ ޒޯނުގައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާ ކަމަށެވެ.

''މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 03:15 ހާއިރު'' އެމްއެންޑީއެފުން ބުނެފަވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.