ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރެއްވި މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ސޯލިހް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިހަށް ހޮވިވަޑައިގެން މިއަދު މަގާމުގެ ހުވާ ކުރެއްވި ހުރިހާ މެމްބަރުންނަށް ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ.

Ad
rt

އަދި މެމްބަރުންނަށް ރައްޔިތުން ހަވާލު ކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމަ އަށް އަދާކުރައްވައި ގާނޫނުއަސާސީ އާއި ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ މަތީގައި ދެމިތިއްބަވައި ގައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ 20 ވަނަ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ އާ ބާބެއްގެ ފެށުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް ކުރެއްވި ހުވައާ އެއްގޮތަށް އަމަލުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން

  • ޕީއެންސީ - 75 މެންބަރުން
  • އެމްޑީޕީ - 12 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖޭޕީ - 1 މެންބަރު
  • އެމްއެންޕީ - 1 މެންބަރު
  • މިނިވަން - 2 މެންބަރުން

ވިހި ވަނަ މަޖިލީހުގެ މެންބަރުންގެ ޢަދަދަކީ 93 އެވެ.

މި މަޖިލިހުގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ ފެށިފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ.