ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިހަވަންދޫގައި ބާއްވާ ފޯރިގަދަ މައި ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ނިންމާފައިވާ ކަމުގައި އިހަވަނަދޫ ކްލަބް ޕޯލްސްޓާއިން ހާމަކޮށްފިއެވެ.
އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ.
މި މުބާރާތް ފުރަތަމަ ހަތަރު އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޓީމްތަކަށް ހާއްސަކޮށްގެންނެވެ. ނަމަވެސް ހަތަރުވަނަ މުބާރާތް، 2010 ވަނަ އަހަރު އެ އަތޮޅަށް ހުޅުވާލިއެވެ. އެއަށްފަހު މި މުބާރާތް 2019 ވަނަ އަހަރާއި ހިސާބަށް ކުޅެފައިވަނީއ އަތޮޅަށް ހުޅުވާލައިގެންނެވެ. 2020 ވަނަ އަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަން މަސައްކަތް ކުރިނަމަވެސް އެ ދުވަސްވަރު އިހަވަންދޫގައި ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެ މުބާރާތް ކުރިއަށް ގެންދެވޭގޮތް ނުވެ ހުއްޓާލަން ޖެހުނެވެ. އެ އަހަރާއިއެކު ފާއިތުވި ތިން އަހަރު ވެސް މި މުބާރާތް ބާއްވާފައި ނުވެއެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތަކީ އަގުބޮޑު ފައިސާގެ އިނާމެއްދޭ ފޯރިގަދަ މުބާރާތެކެވެ. 2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ އެންމެ ފަހު އެޑިޝަންގައި ޗެމްޕިއަން ޓީމަށް ވަނީ 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މި އަހަރުގެ މުބާރާތް ކްލަބް ޕޯލްސްޓާއިން ތާވަލު ކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރ މަސްތެރޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!