އަންނަ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ އާންމު ކުރި ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ. ނަމަވެސް، މިނިސްޓްރީން ވަނީ އެ ނިންމުން މިހާރު ބަދަލުކޮށްފައެވެ.

Ad
rt

އާ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގައެވެ. ފުރަތަމަ ޓާމް ޗުއްޓީ ނިމި ކިޔެވުން ފަށާނީ އޮކްޓޯބަރު 6 ގައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައެވެ.

އަންނަ އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 ގައެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.

ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް، ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމައިފައެވެ. އެގޮތުން ކުރިން އޮތް ގޮތަށް ދިރާސީ އާ އަހަރު ފެށުން ބަދަލު ކުރާނީ 2026 އިން ފެށިގެންނެވެ. އަދި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެއެވެ. ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.

ދިރާސީ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.