ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫއަކީ އެ އަތޮޅުގައި އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ފުޓްބޯޅައާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ ޒުވާނުންގެ ބޮޑު އާބާދީއެއް އޮތް އެ ރަށުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ނަމަވެސް ހިތާމައަކީ އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑެއްނެތުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުދި މެޓް ޓާފް ފުޓްސަލް ދަނޑުތަކެއް އެޅިއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި ވެސް ވަނީ ކުޑަކުޑަ މެޓް ޓާފް ފުޓްސަލް ދަނޑެއް އަޅާފައެވެ. އެ ދަނޑުތަކުގެ މެޓްތަކުގެ ކޮލެޓީދައްވުމުގެ ސަބަބުން، ބޭނުންކުރަން ފެށިތާ މަދު ދުވަސްކޮޅެއްތެރޭ މެޓްތަކުގެ މަތި އޮމާންވެ ކުޅޭއިރު ފަސޭހައިން ކައްސާލައިގެން ވެއްޓި އަނިޔާވާގޮތް ދިމާވާންފެށިއެވެ. އަދި އެ ދަނޑުތަކަކީ ވިއްސާރަ ވެހިއްޖެނަމަ އެއްވެސް ވަރަކަށް ބޭނުން ކުރެވޭ ދަނޑުތަކަކަށް ނުވުމާއިއެކު، ތަފާތު މުބާރާތްތައް ކުރިއަށް ގެންދިޔުމުގައި ބޮޑެތި ދަތިތައް އައީ ކުރިމަތިވަމުންނެވެ. މި ސަބަބުތަކާއި ގުޅިގެން ގިނަ ރަށްތަކުގައި އަޅާފައިވާ ދަނޑުތަކުގެ މެޓްތައް ނަގައި ވަނީ ވިނަ ޓާފަށް ބަދަލުކޮށްފައެވެ. ބައެއް ރަށްރަށުގައި ސައިޒް ބޮޑުކޮށް ވިނަ ޓާފް އަޅައިގެން އައު ފުޓްސަލް ދަނޑުތައް ވަނީ ތަރައްގީ ކޮށްފައެވެ.

Ad
rt

ފުޓްސަލް މުބާރާތްތައް ބާއްވާނޭ އެކަށޭނަ ދަނޑެއް ނެތުމުގެ ސަބަބުން މިހާރު ދިއްދޫގައި ބާއްވާ ފުޓްސަލް މުބާރާތްތައް ކުޅެމުން ދަނީ ރަށުގެ ބޮޑު ދަނޑުގައި ފުޓްސަލް ދަނޑު ނަގައިގެންނެވެ.

ފުޓްސަލް ކުޅޭނެ ރަނގަޅު ދަނޑެއް ނެތްނަމަވެސް ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގައި ފުޓްސަލްގައި ގަދަ ބާރެކެވެ. އެންމެ ފަހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހއ.އަތޮޅުގެ ޗެމްޕިއަން ޓީމަކީ ދިއްދޫއެވެ. ބޮޑު ފުޓްބޯޅާގައި ވެސް ދިއްދޫއަކީ ކާމިޔާބު ރަށެކެވެ. 2022 ވަނަ އަހަރު ބޭއްވި ނޯތު ލީގުގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ހޯދީ ދިއްދޫއެވެ. ދިއްދޫގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގެ އެއްވަނަ ޑިވިޝަން ޓީމްތަކަށް މިހާރު ވެސް އަންނަނީ ކުޅެމުންނެވެ.

ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮތް ދިއްދޫގެ ޒުވާނުން ބޭނުންވަނީ އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑެއް އަވަސް މުސްތަގުބަލެއްގައި އެޅިގެންދިޔުމެވެ. އަދި އެ ދަނޑުގައި ތަފާތު މުބާރާތްތައް ކުރިއަށް ގެންދެވި އެ ރަށަކީ ފުޓްސަލްގައި ރާއްޖޭގެ ގަދަ ބާރަކަށް ވާތަން ފެނިގެން ދިޔުމެވެ.