ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

IMG_5475

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްފިއެވެ.

ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޫކުރި ލިޔުން "އެކްސް" ގައި އާންމު ކުރައްވައިފައެވެ. ޕާޓީގެ މަސްއޫލުވެރިޔަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.

ޕީއެންއެފް ރަޖިސްޓްރީކޮށް ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލު ކުރީ މިއަދެވެ.

ޕީއެންއެފް އުފެއްދުމަށް މި މަހުގެ 10 ވަނަ ދުވަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ އެ ތަނުގައި ނުބޭއްވި އެންމެ ފަހުން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައެވެ. އެ ސަރަހައްދަށް ފުލުހުން ގޮސް ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

ފުލުހުން ފޮނުވަން ޖެހުނީ ގިޔާސުއްދީނުން ފުރަތަމަ ހުއްދަ ދީފައި ފަހުން އެ ހުއްދަ ބާތިލްކުރުމުން ވެސް ޕީއެންއެފްގެ މެމްބަރުން އެ ސްކޫލްގެ ހޯލަށް ވަދެ ޖަލްސާ ބާއްވަން އުޅުމުންނެވެ.

"އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓް ނުދީ ސަރުކާރުން އަސޭމިރުހާ އެތައް މެމްބަރުންނަށް ކުރީ އަނިޔާ. އެންމެ ފަހުން ރާޅުގަނޑު ގޮނޑުދޮށަށް ޕާޓީ އުފަންކުރުވަން ޖެހުނީ،" މަލީހު ވިދާޅުވި އެވެ.

"އެއީ މާޒީ. ޕާޓީ ދާނީ ކުރިއަށް ވަރުގަދަކޮށް. މަރުހަބާ ރައީސް ޔާމީން."

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީގެ ވަގުތީ ލީޑާޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސް ކުރި އެވެ. އެ ޖަލްސާ ބޭއްވީ އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަންގެ ބެލުމުގެ ދަށުން 300 މެމްބަރުން ހަމަކޮށްގެންނެވެ.

ޔާމީން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި