މަހްލޫފްގެ ތުހުމަތާއި ނުރުހުން ފައިސަލްއަށް، ''ފައިސަލް އަށް ވަޑައިނުގެންނެވުނީ ހަމައެކަނި ނަޒޫގެ ކެމްޕޭނަށް''

ނަޒޫގެ ކެމްޕޭނަށް ކުރީގެ ރައީސް ސޯލިހް ފުވައްމުލަކުގައި، ފޮޓޯ: މަހްލޫފް
ނަޒޫގެ ކެމްޕޭނަށް ކުރީގެ ރައީސް ސޯލިހް ފުވައްމުލަކުގައި، ފޮޓޯ: މަހްލޫފް

ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ހަމައެކަނި ވަޑައިނުގެންނެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒުރާ ނަސީމް (ނަޒޫ)ގެ ކެމްޕޭނަށް ކަމަށް ވިދާޅުވެ ނަޒޫގެ ފިރިކަލުން އަހްމަދު މަހްލޫފްގެ ނުރުހުން ފައިސަލަށް އަމާޒުކުރައްވައިފިއެވެ.

މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މަހްލޫފް ވަނީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުވީ، ނަޒްރާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެންޓި-ކެމްޕެއިން ކުރެއްވުމުން ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ގްރޫޕަކަށް މެސެޖެއް ފޮނުއްވާފައެވެ.

މަހުލޫފް ފޮނުއްވި މެސެޖުގައި ނަޒޫއަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް ކަމަށް ތުހުމަތުކުރައްވާފައިވާއިރު، އެންޓި-ކެމްޕެއިންކޮށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ފައިސަލް ގުޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ.

''ބަލި ގަބޫލުކުރަމެވެ. އެކަމަކު މިއީ މިކަން ހިނގާދިޔަގޮތުގެ ހަގީގަތެވެ. މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމު އޮތީ ދޫދޭގޮތަކަށްނޫނެވެ. މިމައްސަލަ ބަލާ MDP ގެ ފަރާތުން ފައިސަލް އަށް ފިޔަވަޅުއަޅަންޖެހޭ.'' މަހްލޫފް އެކްސްގައި ކުރެއްވި ފުރަތަމަ ޕޯސްޓްގައި ވިދާޅުވެފަވެއެވެ.

މިވާހަކަތައް މީޑިއާގައި ފެތުރުން މަހްލޫފް އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، ނަޒޫގެ ކެމްޕޭނަށް ރައީސް ޞާލިހު، ޕާޓީގެ ރައީސް ޝާހިދު އަދި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް ވަޑައިގެން ވަރަށް މަސައްކަތްކޮށްދެއްވި ކަމަށެވެ.

''ނަމަވެސް އެހެން ހުރިހާ ކެންޑިޑޭޓުންގެ ދާއިރާތަކަށް ދަތުރު ކުރަމުންދިޔައިރު، ފައިސަލް ނަސީމަށް ހަމައެކަނި ނާދެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒޫގެ ކެމްޕޭނަށް ފުވައްމުލަކަށް. މިވަރުން މިދައްކާ ވާހަކަ ސާފުވާނެކަމަށް އުންމީދުކުރަން.'' މަހްލޫފް ވިދާޅުވެފަވެއެވެ.

ފައިސަލްގެ ދިފާއުގަ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓު ގެ ކެމްޕޭނު ޓީމުން ތެދުވީމާ ވެގެންއުޅޭގޮތް އިތުރަށް ސާފު ކަމަށް ވެސް މަހްލޫފް ވަނީ އެ ޕޯސްޓްގައި ވިދާޅުވެފައެވެ.

އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި ނަޒޫ އަށް އޭނާ ވާދަކުރެއްވި ދާއިރާއިން ދެވަނަ ލިބުނީ 48 ވޯޓުގެ ތަފާތުންނެވެ. އެ ގޮނޑި ކާމިޔާބުކުރެއްވި ކޮންގްރެސް ޕާޓީގެ އިބްރާހީމް ހުސައިން އަށް 1142 ވޯޓު ލިބިވަޑައިގެންނެވިއިރު ނަޒޫ އަށް ލިބުނީ 1094 ވޯޓެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި