ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް އެ އަތޮޅުގެ ވެރިރަށް ނިލަންދޫ ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިލަންދޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުމެވެ. އެގޮތުން މި ސަރުކާރުގެ ތަރައްޤީގެ މާސްޓާ ޕްލޭންއާ އެއްގޮތަށް 7 އާބަން ސެންޓަރު ޤާއިމުކުރައްވަން ނިންމަވާފައިވާކަން ފާހަގަކުރައްވައި، މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ޚާއްޞަގޮތެއްގައި ނިލަންދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން އެރަށުގެ ރައްޔިތުންނާ ވަރަށް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރައްވަމުން ރައީސް ވިދާޅުވީ، ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫޢު މިހާރު ވަނީ ފެށިފައެވެ. އަދި 2 ރިސޯޓަކާއި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ރާވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދިނުމަށްކަމަށް ފާހަގަކުރައްވައި، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސްގެ ރޭގެ ވާހަކަފުޅުގައި ވަނީ ނިލަންދޫ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުން ވެސް ނިލަންދޫ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!