އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރަތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބަހައްޓާނެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ތިން ތާނގި އަދި 100 ޓަނުގެ ތިން ތާނގިއާ އެކު ހަ ތާނގި ބަހައްޓާނެއެވެ.

މީހެ އިތުރުން ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާނގި ބަހައްޓާނެއެވެ.

ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާނގި ބެހެއްޓުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.

އެ ރަށްރަށުގެ ފެނުގެ ނިޒާމް ބަލަހައްޓަން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައި ސްޕެއާ ފޯރުކޮށްދިނުމަށްވެސް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.