މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓާ ކުރަން ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިކަމާއިބެހޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދެ މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު މިއަދު އެވެ.
ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓަރކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ނިންމެވުމާއެކު ރައީސް ވަނީ، ވަޒީރުންގެ މަޖިލީގުގެ ލަފަޔާއެކު ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިންގ ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ޤަވާޢިދު އިޞްލާޙް ގެންނެވުމަށް ވެސް ނިންމަވާފައެވެ.
މީގެ އިތުރުން މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އަދި އެމް،އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމަވާފައެވެ.
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓާ ކުރަން ފަށަން ރައީސް މިއަދު ނިންމެވިއިރު، ކަނޑު މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަނިކޮށް ގިނަ އަދަދުތަކުގެ މަސްތުވާތަކެތި މީގެ ކުރީން އެކިފަހަރު މަތީން ވަނީ އަތުލައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!