ށ. މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ މިއަދު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އެމަނިކުފާނު ކެމްޕޭންގައި ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިގޮތުން މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ މަގުތައް ހެދުމާއި ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގައި އިންޑޯ އައުޓްޑޯ ކުޅިވަރު ކުޅޭ ކޮމްޕްލެކްސް ހެދުމާއި، ހައުސިން ދާއިރާއިން ހުރި ވަޢުދުތައް ހިމެނޭހެން ހުރިހާ ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ މިލަންދޫގެ ރައްޔިތުންނަށް ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިހުރިހާ ކަމެއް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް މަގު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް މިއަދު މިލަންދޫ އަށް ވަޑައިގަތީ އެމަނިކުފާނު އުތުރުގެ ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.