ހއ. ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ.

Ad
rt

ދިއްދޫގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވަރުގަދަ ކުރުން ކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރު ރަނގަޅު، ގިނަ ހިދުމަތްތައް ލިބޭ އާ ހޮސްޕިޓަލެއް މި ދައުރުގައި އަޅުއްވައި ދެއްވާނެ ކަމަށެވެ. ދިއްދޫގައި އަޅާ ހޮސްޕިޓަލް ވެގެންދާނީ އަތޮޅަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ހޮސްޕިޓަލަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ހޮސްޕިޓަލް މަޝްރޫއު އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ވާނެ ހޮސްޕިޓަލެއް އެޅިގެން ދިއުން މި ދެންނެވި ފެންވަރުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިއްދޫގައި މިހާރު ވެސް ސީޓީ ސްކޭންގެ ހިދުމަތެއް ނުލިބެ އިރު، އޮތީ އެންމެ އެންމެ އެމްބިއުލާންސެކެވެ. އެހެންވެ އިތުރު އެމްބިއުލާންސެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބޮޑު ފަންޑިންއަކަށް މަޑު ނުކޮށް، މިހާރުން މިހާރަށް ވެސް އަޕްގްރޭޑް ކުރަން ހުރި ކަންކަން ކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިއްދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަން ޖެހޭ ކަމަށާއި އެންމެ އިސްކަން ދޭން ޖެހޭ ރަށްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އެ ރަށް ހިމެނޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.