ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ.
ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ.
އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރި ކަންކަން
- ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަން،
- ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަން،
- ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރަން ބޭނުންވާކަންކަން،
- ރަށުގެ ރައްޔިތުން އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަން،
- ޔޮޓު ފަހަރަށް ބޭނުން ހިފޭނެގޮތަކަށް ބަނދަރު ތަރައްޤީ ކޮށްދިނުން،
- ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުން،
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ވަނީ ހިއްސާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!