ޖަރުމަނު ލީގުގެ ގަދަބާރު، ބަޔާން މިއުނިކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅެގެން ހަދާފައިވާ ރެކޯޑް ބަޔާން ލެވަކޫސަން އިން މުގުރާލައިފިއެވެ.
ރޭ ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ 2-1 ގެ ނަތީޖާއިން މައިންޒް ބަލިކޮށްފައެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އަދި މި ސީޒަންގައި ބަލިވެފައިނުވާއިރު، ރޭ ލިބުނު މޮޅާއިއެކު އެ ޓީމް މި ވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފައެވެ. މިއީ ރެކޯޑެކެވެ. ކުރިން ޖަރުމަނުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ ބަޔާން މިއުނިކްގެ އަތުގައެވެ. ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން 2020/21 ވަނަ ސީޒަންގައި ބަޔާނުން ވަނީ ބަލިނުވެ 32 މެޗު ކުޅެފައެވެ.
މި މޮޅާއިއެކު ލެވަކޫސަންއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ 23 މެޗުން ލިބުނު 61 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ބަޔާނަށް 22 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި ބަޔާން ނުކުންނާނީ ލައިޕްޒީގްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ރޭ ލެވަކޫސަން އަތުން ބަލިވި މައިން މިވަގުތު އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.
ރޭ މެޗުގެ ތިންވަނަ މިނެޓުގައި ލެވަކޫސަން އިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރީ ގްރެނިޓް ޒަކާއެވެ. އޭގެ ހަތަރު މިނެޓް ފަހުން މައިންޒްގެ ޑޮމިނިކް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލެވަކޫސަން މޮޅުވި ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ރޮބާޓް އެންޑްރިޗެވެ. މި ލަނޑަކީ މައިންޒްގެ ކީޕަރަށް ހެދުނު ގޯހަކުން ވަދެފައިވާ ލަނޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!