ހައްޖު ޖާގަ ކަށަވަރު ކުރުމަށްކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ހީލަތުގެ ފޯނު ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށްކަމަށް ބުނެ އެ ކޯޕަރޭޝަންގެ ނަމުގައި އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްއެދި ހީލަތުގެ ފޯނު ކޯލުތަކެއް ބަޔަކު ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމާއި ސަމާލުވުމަށް އެދޭ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ ފަރާތުން ހައްޖަށް ގެންދާނަމަ ފައިސާ ދައްކަން ޖެހޭނީ އެ ކުންފުނީގެ (މޯލްޑިވްސް ހައްޖު ކޯޕަރޭޝަން)ގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ކަމަށެވެ.
''އަމިއްލަ ފަރުދެެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަން'' ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އެފަދަ ކޯލްތަކެއް ކުރާތީ އެކަމާއި ސަމާލުވުމަށް އެެ ކޯޕަރޭޝަނުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
ރާއްޖޭގައި މިފަދަ އޮޅުވާލުމުގެ ތެރެއިން ހީލަތުން ފައިސާ އަތުލުމުގެ ޢަމަލު ގިނަވެފައިވާއިރު، ކަމާބެހޭ އިދާރާތަކުން އަންނަނީ އެކަމަށް ހޭލުނެތެރިވެ، ސަމާލުވެ ތިބުމަށް އެދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!