ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް

IMG_4512

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއިން ހޯދިއިރު، ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ.

ރޭ ރެހެންދި ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ހދ.އަތޮޅު ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޮޅިވަރަމެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ނައިވާދޫއިންނެވެ.

މި މެޗުގައި ނައިވާދޫ ޓީމުގެ މުހައްމަދު ޝާއިން ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ އޭނާއެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހުސެން މައިޝާންގެ އިތުރުން އަބްދުﷲ ވިސާމްއެވެ. އެއް ލަނޑަކީ ނޮޅިވަރަމްގެ އަމްދާން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ނޮޅިވަރަމްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު އިކްރާމް އެވެ.

ހދ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 97 އަބްދުﷲ ޝާފިއުއެވެ. މި އަހަރު މުބާރާތް ނައިވާދޫ ކާމިޔާބު ކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. މިއީ ނައިވާދޫ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެ ޓީމް މި މުބާރާތް ކާމިޔާބު ކޮށްފައިވާ އަހަރުތަކަކީ 2016، 2018، 2019، 2022، 2023، އަދި 2024 ގަ އެވެ.

ހއ. އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދީ ފައިނަލުގެ އުތީމް ބަލިކޮށްގެންނެވެ. މި މެޗު ދިއްދޫއިން ކާމިޔާބު ކޮށްފައިވަނީ 5-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ދިއްދޫގެ ހައިސަމް ރަޝީދާއި މުހައްމަދު ޝަނާއު ރަޝީދު މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ ފާއިގް އަހްމަދެވެ. އުތީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ނަބީލްގެ އިތުރުން ތޯހާ މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދިއްދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، މުހައްމަދު ޝަނާއު ރަޝީދެވެ. ހއ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުތީމް ޓީމްގެ ޖޯޒީ ނަމްބަރު 16، މުހައްމަދު ނަބީލްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި